Last Updated: June 9, 09:22
Tuesday, June 9, 2026
ރިޕޯޓް

ސައިކަލު ވަގަށް ނެގުން ހުއްޓުވަން ކުރެވޭނީ ކޮން ކަމެއް؟

ހުޅުދޫ ޒުވާނުންތަކެއް ސައިކަލްތަކެއްގައި މަޑުކޮށްލައިގެން. ފޮޓޯ/ އައްޑޫ ލައިވް

ނޯޓް: މިއީ ޕޮލިސް ކޯޕްރަލް އިބްރާހީމް ފަރުހާދު ނަސީރު، ޕޮލިސްލައިފް ވެބްސައިޓްގައި މި މަހުގެ 26 ވަނަ ދުވަހު ލިޔެފައިވާ އާޓިކަލެކެވެ.
——————————————————-

ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ދިރިއުޅެމުން މިދާ ފުރަ މާލޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ނިސްބަތުން ދުއްވާ އެއްޗެއް ހުންނާނެއޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. ތިޔައިން ކޮންމެ ބޭފުޅަކު ކޮންމެ ވަގުތަކު މާލޭގެ މަގުމަތި ބަލާލިކަމުގައި ވިއަސް މިކަން ޔަޤީން ކުރެވޭނެވެ.

މާލޭގައި ދުއްވާ ތަކެތި ގިނަ ވުމުގެ އިތުރުން ރައްޔިތުން ކަންބޮޑުވާ ވަރަށް މުހިއްމު އެހެންކަމެއްވެސް ވަނީ ފާހަގަ ކުރެވިފައެވެ. ފަހަކަށް އައިސް އަޅުގަނޑުމެން އަގު ބޮޑުކޮށް ގަނެފައިވާ ވެހިކަލްތަކުގެ ތެރެއިން ބައެއް ވެހިކަލްތައް ވަގަށް ނަގާ މައްސަލައެވެ. ޚާއްޞަކޮށް ނުހަނު ގިނަދުވަހުގެ މަސައްކަތުން ހޯދާ ސައިކަލް ވަގަށް ނަގާ ވާހަކައަކީ ވަރަށް އާއްމުކޮށް ދެކެވޭ ވާހަކައެކެވެ. އަދި އެހާމެ ގިނައިން ފުލުހުންނަށް ރިޕޯޓް ކުރެވޭވެސް މައްސަލަ އެއްވެސްމެއެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މިފަދަ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާއިރު 2011 ވަނަ އަހަރު ދުއްވާ އެއްޗެތި ވަގަށް ނެގުމުގެ 1316 މައްސަލައެއް ހުށަހެޅިފައިވާއިރު 2012 ވަނަ އަހަރު ދުއްވާ އެއްޗެހި ވަގަށް ނެގުމުގެ 1888 މައްސަލަ ވަނީ ހުށަހެޅިފައެވެ. މި އަހަރުގެ މިހާތަނަށް 572 ދުއްވާ އެއްޗެހި ވަގަށް ނެގުމުގެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހެޅިފަ އެވެ. މީގެ ތެރެއިން ގިނައީ ސައިކަލުގެ ވަގަށް ނެގުމުގެ މައްސަލަތަކެވެ. މި ތަފާސް ހިސާބުތަކަށް ބަލާލުމުން ވެސް ސައިކަލް ވަގަށް ނެގުމުގެ މައްސަލައަކީ އަޅާ ނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫންކަން ވަރަށް ސާފުކޮށް އެބަ އެނގެ އެވެ.

ބޮޑު އަގު ދީފައި ގަނެފައި ހުންނަ ސައިކަލް ވަގަށް ނެގުން ހުއްޓުވުމަށްޓަކައި އެތަކެތީގެ ވެރިފަރާތަށް ނުވަތަ އެ ތަކެތި ދުއްވާ ފަރާތްތަކަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އެ ފަރާތްތަކުގެ ޒިންމާތަކެއް އެބަ ހުއްޓެވެ. އަޅުގަނޑުމެންގެ ގައިން ދާ އޮހޮރުވައިގެން ހޯދާ ފައިސާ އަށް ގަނެފައިވާ އަގު ބޮޑު މުދަލަށް އަޅުގަނޑުމެން ނުބެލި ވަރަކަށް ބަލާނެ އެހެން މީހަކު ނުހުންނާނެކަން ޤަބޫލު ކުރަން ޖެހެ އެވެ.

ކިތަންމެ އަވަހަށް ތަނަކަށް ގޮސް ސައިކަލު ޕާކް ކުރަން ޖެހުނަސް ޕާކް ކުރުމަށް ފަހު ހުންގާނު ރަގަޅަށް ތަޅުލުމާއި ކީ ހޯލް ލޮކް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއާ އެކު ސައިކަލް ރަނގަޅަށް ތަޅު ލެވުނުތޯ އާއި ކީ ހޯލް ލޮކް ކުރެވުނުތޯ ޔަޤީން ކުރުމަކީ ކުރެވިދާނެ ކަމެކެވެ.
ސައިކަލް ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހެޅޭ ގިނަ މައްސަލަތަކުގެ ތަފްޞީލަށް ބަލާ އިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މިފަދަ ކަންކަން ފަރުވާ ކުޑަވެގެން ވަގަށް ގެންގޮސްފައި ހުންނަކަމެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ މާލޭން ބޭރުގައި އާއްމުދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރުމަށް ގޮސް އައިސްވާ ބަކެވެ. އެފަދަ ވަގުތުތަކުގައިވެސް ވަގުންގެ ކިބައިން އަޅުގަނޑުމެންގެ ސައިކަލުތައް ރައްކާތެރި ކުރުމަށްޓަކައި، އިތުރަށް ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަ ކަމަކީ ސައިކަލްގައި ޑިސްކް ތަޅެއް އެޅުވުމެވެ. ނުވަތަ ސައިކަލުގައި އެލާމް ސިސްޓަމެއް ހަރުކުރުމެވެ. މި ދެ ކަމަކީ ވަރަށް ކުޑަ ހޭދައެއް ކޮށްގެން އަޅުގަނޑުމެންގެ އަގު ބޮޑު މުދަލެއް ވަގުންގެ ކިބައިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަމެކެވެ.

ވައްކަން މަދުކުރުމަށްޓަކައި، ފުލުހުންނާއި ރައްޔިތުން ގުޅިގެން ތަފާތު ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެހެން ނަމަވެސް އެކި އުކުޅުތައް ބޭނުންކޮށްގެން ވައްކަން ކުރާ މީހުންގެ އުދަގޫ ކުޑައެއް ނުވެއެވެ. ތެދުތެދަށް ބުނާނަމަ އެފަދަ މީހުންގެ އުނދަގޫ ދަނީ އެެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ.
އެހެންކަމުން، މިފަދަ ވައްކަންތައް މަދުކުރުމަށްޓަކައި އާންމުން ރައްޔިތެއްގެ ހައިސިއްޔަތުންނާއި މުދަލުގެ ވެރި ފަރާތުގެ ހައިސިއްޔަތުން މިހާރަށްވުރެ ޒިންމާދާރު ދައުރެއް އަދާކުރުން މުހިއްމެވެ.

ކުޑަ މަސައްކަތެއް ކޮށްގެން ނަމަވެސް ވަގުންގެ ކިބައިން އަގު ބޮޑު މުދާ ރައްކާތެރި ކުރުމަށް ތިޔައިން ކޮންމެ ބޭފުޅަކު ވެސް ސަމާލުކަން ދިނުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އެއް އެދުމެވެ. މި ފަދަކަމެއް ކޮށް، އަތުން ބޮޑު ހޭދައްް ނުގޮސް އަޅުގަނޑުމެންގެ އަގު ބޮޑު މުދާ ވަގުންގެ ކިބައިން ސަލާމަތް ކުރެވިދާނެ އެވެ.

މިކަމުގައި ބޭނުން ވަނީ ކުޑަ ކުޑަ ހިތްވަރެކެވެ. އެއީ ސައިކަލް ތަޅުލެވުނުތޯ އާއި ކީ ހޯލް ލޮކް ކުރެވުނުތޯ ބަލައި ޔަޤީކޮށްލުމެވެ. ހަމަ ޔަޤީނުންވެސް "ރައްޔާވެ ތިބިއްޔާ ދަތުރޭ" ބުނާ ފަދައިން މިކަން އަޅުގަނޑުމެން ކޮށްފި ނަމަ ވަގުންގެ ކިބައިން އަޅުގަނޑުމެންގެ ސައިކަލް ހުންނާނީ ރައްކާތެރި ކުރެވިފަ އެވެ.