މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން އައްޑޫގައި ހުޅުވާ ބްރާންޗަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބާއްވާ އިންޓަވިއު މާދަމާ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބާއްވަން ހަމަޖައްސާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
އެމްއައިބީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މިއަހަރު ތެރޭ އެ ބޭންކުން އައްޑޫގައި ހުޅުވާ ބްރާންޗަށް ބޭނުންވާ މުވައްޒަފުން ނެގުމަށް "ވޯކިން އިންޓަވިއު" މާދަމާ މެންދުރު 2:00 އިން ހަވީރު 5:00 އަށް ކައުންސިލް އިދާރާގައި ކުރިއަށް ގެންދާނެކަމަށެވެ.
އެގޮތުން ޖީސީއީ އޭލެވެން ނިންމާފައިތިބި ކުދިންގެ ތެރެއިން އިންޓަވިއު އަށް އަންނަން ޝައުގުވެރިވާ ކުދިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ކޮޕީ އާއި ތައުލީމީ ސެޓްފިކެޓް ކޮޕީ އާއި އަދި އެމީހެއްގެ ވަނަވަރު ހިފައިގެން އައުމުން އިންޓަވިއުގައި ބައިވެރިވެވޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަދި މިއަހަރު ޖޫން މަހު އޭ ލެވެލް ނިންމި ކުދިންގެ ތެރެއިން ނަތީޖާ ސްލިޕް ތިބި ކުދިންނަށްވެސް އިންޓަވިއުގައި ބައިވެރިވެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ގޮތްޕެއް ހުޅުވުމުގެ ގޮތުން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ. އަދި އޮފީސް ހެދުމަށް ހިތަދޫ ބޮޑު މަގުގައި ކުރިން ހިންގި އެސްޓިއޯ ސުޕަމާޓް ހަމަޖެއްސުމަށް އައްޑޫ ސިޓީ ކައުންސިލާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭންކުން ބުނެއެވެ.