Last Updated: April 25, 11:25
Thursday, April 25, 2024
ކުޅިވަރު

އެމްބާޕޭ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ މެޗުތައް ކުޅުމަށް ފްރާންސްގެ ގައުމީ ޓީމާއެކު އެމްބާޕޭ މިވަގުތު ހުރިއިރު، ފްރާންސްގެ ފުޓްބޯޅަ އިދާރާ އިން ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ހެނދުނު ޔޫއެފާ އިން ހެދި ޓެސްޓުން ކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވިކަން އެނގުމާއެކު ޓީމާއި ވަކިން އެމްބާޕޭ އައިސޮލޭޓް ކޮށްފައިވާ ކަމަށާއި އަދި މިރޭ ފްރާންސާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުގައި ވެސް އޭނާ ނުކުޅޭނެ ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ.

އުމުރުން 21 އަހަރުގެ އެމްބާޕޭ އަކީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވްވި ޕީއެސްޖީގެ ހަތްވަނަ ކުޅުންތެރިޔާއެވެ. މި ބައްޔަށް ދެން ޕޮޒިޓިވްވި ޕީއެސްޖީގެ ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ތަރި ނޭމާ ވެސް ހިމެނެއެވެ.

ފްރެންޗް ލީގުގެ ކުޅުން އަނެއްކާވެސް ފަށާފައިވާއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީ ކުޅެފައިވާތީ އެޓީމަށް މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އިތުރު 12 ދުވަސް ވަނީ ދީފައެވެ.