Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ސުޕްރީމް ކޯޓަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

ސުޕްރީމް ކޯޓަށް މިއަދު އައްޔަން ކުރެއްވި ދެ ބޭފުޅުން - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސް ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނާއި، ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވި އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އެންމެފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަޤާމެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ އިސް ޤާޟީކަމާއި، ޤާޟީކަމުގެ މަޤާމާއި، ޑްރަގު ކޯޓުގެ ޤާޟީކަން ވެސް އެ މަނިކުފާނު އަދާކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވި ޑޮކްޓަރ މުޙައްމަދު އިބްރާހީމް، އެ މަނިކުފާނުގެ ޑޮކްޓަރޭޓް އޮފް ފިލޯސޮފީ ޙާޞިލުކުރައްވާފައި ވަނީ އިސްލާމިކް ކޮމަރޝަލް ލޯގެ ދާއިރާއިން މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއިންނެވެ.

އެ މަނިކުފާނަކީ ޕްރިމިއަރ ޗެމްބާރސްގެ ޕާޓްނަރެއްގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ގެ ކައުންސިލް މެންބަރުކަމާއި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.