ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީ ބައްޗަން (އޭޝް) ގެ ފުރަތަމަ ދަރިފުޅުގެ އުފަން ދުވަސް މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ ފާހަގަކޮށްފަ އެވެ.
ދަރިފުޅު އާރަދިޔާ ބައްޗަން އަށް އަހަރެއް ފުރިގެން ދިޔަ އިރު އޭޝް އަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ތިބީ އޭނާ އެނބުރި ފިލްމް ކުޅުމަށް އަންނާނެ ދުވަހަކެވެ. މިކަމާ ބެހޭ ގޮތުން އިންޑިއާގެ މީޑިއާތަކުގައި އޭޝް އާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ގެންދެ އެވެ.
އެއް ބަޔަކު ބުނާ ގޮތުގައި ކައިރި މުސްތަގުބަލެއްގައި އޭޝް ސްކްރީނަށް އެނބުރި އަންނާނެ ކަމަަކަށް ނުބެލެވެ އެވެ. ސަބަބަކީ ބަލިވެ، އިނދެ ވިހެއުމަށް ފަހު ވެސް އޭނާގެ ހަށިބގަނޑަށް އަދިވެސް މާ ބޮޑު ބަދަލެެއް އައިސްފައި ނުވުމެވެ. އޭޝް މިހާރު ފެންނަނީ ވަރަށް ފަލަކޮށެވެ. އެހެންވެ މިހާރު އޭނާ ހުރި ބަރުދަނާއި ބައްޓަމުގައި ސްކްރީނަށް އޭޝް އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. މި ސަބަބާ ހެދި އޭނާ ފިލްމަކުން ފެނުމަށް އަދި އަހަރުތަކެއް ނަގާނެ އެވެ. ފޭނުން ޖެހޭނީ އެކަމަށް އިންތިޒާރު ކުރާށެވެ.
އެހެން ނަމަވެސް މީޑިއާ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭޝް މިހާރު ވެސް އަންނަނީ ސްކްރިޕްޓްތައް ކިޔަމުންނެވެ. އަދި ވަރަށް ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އޮފާތައް އޭނާ އަންނަނީ ލިބެމުންނެވެ. މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭޝް ބުނީ އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އޭޝް މި އަހަރު ސްކްރީނުން ފެންނާނެ އެވެ.
އެގޮތުން މި އަހަރުގެ އެޕްރީލް މަހަށް ފަހު އޭނާ ފިލްމަކަށް ސޮއި ވެސް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެނބުރި ފިލްމީ ދުނިޔެ އަށް އަައުމަށްޓަކައި އޭޝް އަންނަނީ ގަޔާވާ ކަހަލަ ސްކްރިޕްޓަކަށް އަތްފުނާ އަޅަމުންނެވެ. މީގެ އިތުރުން ހަށިގަނޑު ރީތި ކުރުމަށްޓަކައި އޭޝް މިހާރު އަންނަނީ ގަވައިދުން ޔޯގާ ވެސް ހަދަމުންނެވެ.
އައިޝްވާރިއާ ވަނީ 1994 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖް ހާސިލް ކުރުމަށް ފަހު ބޮލީވުޑްގައި ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފަ އެވެ.
އޭނާގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ހަމް ދިލް ދޭ ޗުކޭ ސަނަމް". "ދޭވްދާސް"، "ގުރޫ"، "ރޮބަޓް" ފަދަ ފިލްމްތައް ހިމެނެ އެވެ.