މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އައްޑޫ ބްރާންޗް ހެދުމަށް 10 އަހަރު ދުވަހުގެ މުއްދަތަށް ކުރީގެ ސްޕަމާޓް ހިންގި "ތުއްބީގެ" އިމާރާތް ކުއްޔަށް ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެމްއައިބީ އިން މިމަހުގެ 25 ވަނަ ދުވަހު ކައުންސިލަށް ހުށަހެޅި ޕްރޮޕޯސަލް ދިރާސާ ކުރުމަށް ފަހު އެ ބޭންކުން އެދިފައިވާ ގޮތަށް މަހަކު 10 ހާސް ރުފިޔާގެ ކުއްޔަށް އެތަން ދޫކުރުމަށް ނިންމައި އެކަމާ ގުޅޭ ލިއެކިއުން ދެ ހަފްތާ ތެރޭގައި ނިންމުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.
އެމްއައިބީގެ އައްޑޫ ބްރާންޗަށް މުވައްޒަފުން ނެގުމަށް ބާއްވާ އިންޓަވިއު މިއަދު މެންދުރު 2:00 ޖަހާ އިރު ކައުންސިލް އިދާރާގައި ބާއްވާނެ އެވެ.
އެމްއައިބީ އިިން ބުނީ އައްޑޫގައި އެބޭންކުން ގާއިމްކުރާ ބްރާންޗުން މާލެއިން ލިބެން ހުރި ހުރިހާ ހިދްމަތެއް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ހޯމް ލޯނާއި، ވިޔަފާރި ލޯންގެ އިތުރުން ސޭވިން އެކައުންޓާއި، ކަރަންޓް އެކައުންޓްގެ އިތުރުން ކާޑްގެ ހިދަމަތް ވެސް ފޯރުކޮށް ދޭނެ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ތަރައްޤީ އާ ގުޅުން ހުރި މިފަދަ ކަންކަމަށް އަބަދުވެސް ކައުންސިލުން މަރުހަބާ ކިޔާ ކަމަށާއި އެމްއައިބީ އައްޑޫގައި ހުޅުވުމަކީ އައްޑޫގެ ތަރައްޤީ އަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.