Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

މަނަދޫ އިން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރު ކޮށްފި

ނ. މަނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

އެ އޮޕަރޭޝަންތަކަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 6 އިން 8 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއް ކަމަށް ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

މި އޮޕަރޭޝަނުގައި ފުލުހުން ވަނީ އެ ރަށު މަގުމަތިން 34 އަހަރުގެ ފިރިހެނަކު ހުއްޓުވައި ބަލައި ފާސް ކޮށްފައެވެ. އެމީހާ ބަލާ ފާސް ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި މުއްދަތެއް ނެތްގޮތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަނުގައި، އެ ރަށު ފަޅުގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަ ކުރައްވާފައެވެ. އަދި އެ ރަށުގައި އިމާރާތް ކުރަމުންދިޔަ ރެސްޓޯރަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މަސްތުވާތަކެއްޗާއި ބެހޭ މި މައްސަލަތައް މިހާރު މަނަދޫގެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.