Last Updated: July 25, 11:51
Saturday, July 25, 2026
ސިޔާސީ

"ނިންމުންތައް ނިންމުމުގެ ގާބިލްކަން ގާސިމްގެ އެބަހުރި"

ވެރިކަން ހިންގުމުގެ ބާރުތައް ވަކިވެފައި އޮތް ކަމުގައޮ ވިޔަސް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަކީ ނިންމަން ޖެހޭ ނިންމުންތައް ނިންމުމުގެ ގާބިލްކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށް ޖުމްހޫރީ ގުޅުމުގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯ އާ ބެހޭ މައުލޫމާތު ހިއްސާ ކުރަން ރޭ ސްޓެލްކޯގެ ބޭއްވި ބައްދަލުވުމުގައި ޑރ. ހަސަން ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން ވެރިކަން ހިންގުމުގެ ބާރުތައް ވަކިވެފައި އޮތް ނަމަވެސް ގާސިމް އިބްރާހިމު ވަނީ އެފަދަ ހާލަތެއްގައި ވެސް ސަރުކާރު ހިންގުމުގައި ނިންމަން ޖެހޭ ނިންމުންތައް ވަގުތާއި ހާލަތާއި ގުޅޭ ގޮތުން ނިންމަވާނެކަން މާޒީގައި ހާމަކޮށް ދެއްވާފައި ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ބާރުތައް ވަކިވެފައި އޮތް މި ރާއްޖޭގައި ވާދަވެރި ސިޔާސީ މާހައުލެއްގައި ކަންކަން ނިންމެވޭނެ ހަމައެކަނި ބޭފުޅަކީ ގާސިމް 2004 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލިސް އެކުލަވައިލާ އަހަރު ދޮޅު އަހަރު ދެ އަހަރު ވެގެންދިޔައިރު ވެސް މަޖިލީހުގެ މަސައްކަތްތަކުން ގާނޫނު އަސާސީގެ މާއްދާއެއް ވެސް އިސްލާހުވާ ހިސާބަށް ނުދެވޭ،" އޭނާ ވިދާޅުވި އެވެ. "ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ނުގޮސް އޮއްވާ އަޅުގަނޑުމެން ގާސިމް ގެނައީ ހާއްސަ މަޖިލީހުގެ ރައީސަކަށް. އެހިސާބުން ފެށިގެން ވަރަށް ބާރު ހަލުވި މިނެއްގައި ގޮސް ގާނޫނު އަސާސީ އެކުލަވާލައި ނިމި ގާއިމުކުރަން ޖެހޭ މުއައްސަސާތައް ގާއިމުކުރެވި އިންތިހާބު ބޭއްވި އޭގެ ދަށުން ފުރަތަމަ ފަހަރަށް މިނިވަން އިންތިހާބެއް ބާއްވާ އާ ރައީސަކު ހިޔާރު ކުރީ."

ޑރ. ހަސަން ވިދާޅުވީ ގާސިމަކީ އަމިއްލަފުޅު ހައިސިއްޔަތުންނާއި ސަރުކާރުގެ ތެރެއިން ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި ގައުމު އާރާސްތު ކުރުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވުމުގެ އިތުރުން އަމިއްލަފުޅު ހައިސިއްޔަތުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ ބޭފުޅެއް ކަމަށެވެ.
އަދި ވިދާޅުވީ "ތަރައްގީ ގައިމު" ރައްޔިތުންގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންތައްތައް ކުރަން ބޭނުންވާ ބަޖެޓް މިހާރު އެކުލަވާލާ ނިމިފައިވާ ކަމަށާއި އެ ކަންކަން ކުރަން ބޭނުންވާ ފައިސާ ހޯދާނެ ގޮތްތައް ވެސް އެކަށައަޅާ ނިމިފައިވާ ކަމަށެވެ.

ޖުމްހޫރީ ގުޅުމުގެ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކޮށް ބޭކާރު މުއައްސަސާތަކާއި، ބޭކާރު އެމްބަސީތައް ނުބެހެއްޓުމަށް ކަމަށާއި ޖުމްހޫރީ ގުޅުމުގެ ސަރުކާރަކީ އެ ގުޅުމުގެ މެނިފެސްޓޯ ތަންފީޒު ކުރަން އެކުލަވައިލާނެ ސަރުކާރެއް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"މުޅި މެނިފެސްޓޯއަށް ބޭނުންވާ ހުރިހާ ހަރަދުތަކެއް ވަނީ އެކުލަވާލާ ނިމިފައި. މެނިފެސްޓޯއަށް ދާނެ ހަރަދާއި، އެ ހަރަދު ހޯދާނެ ގޮތްތައް ވެސް ވަނީ އެކުލަވާލެވިފައި. ޖުމްލަ ގޮތެއްގައި އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އިސްރާފުތައް ކުޑަކުރާނަމޭ. ބޭކާރު މުއައްސަސާތަކާއި، ބޭކާރު އެމްބަސީތަކާއި އެއްޗިއްސެއް ނުބަހައްޓާނަމޭ. އަޅުގަނޑުމެންގެ ސަރުކާރު ވެގެންދާނީ މެނިފެސްޓޯ ތަންފީޒު ކުރުމަށް އެކުލަވާލެވޭ ސަރުކާރަކަށް،" ހަސަން ވިދާޅުވި އެވެ.

ޑރ. ހަސަން ވަނީ ޖުމްހޫރީ ގުޅުމުގެ ވެރިކަމުގައި ޝަރުއީ ނިޒާމާއި ރާއްޖޭގެ އަމަންއަމާންކަމާއި ގުޅޭ ގޮތުން ގެންގުޅުއްވާ ތަސައްވުރު ވެސް ހިއްސާކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ނިޒާމަކީ ހުށަހެޅޭ މައްސަލަތައް އެންމެ އަވަހަށް ނިންމޭ ޝަރުއީ ނިޒާމަށް ހަދާނެ ކަމަށާއި ގާނޫނު ތަންފީޒުކޮށް އަމާން ރާއްޖެއަކަށް ހެދުމަށް މަގުމަތީގެ ކޮންމެ ލައިޓެއްގައި ސީސީޓީވީ ކެމަރާ ބަހައްޓައިގެން ވެސް އެކަން ކުރައްވާނެ ކަމަށެވެ.
ކުށުގެ ރިކޯޑު ބަލަންޖެހޭ މުއްދަތަށް ބަދަލުތަކެއް ގެނެސް ޑްރަގްސްގެ މައްސަލައިގައި ފަރުވާ ހޯދައިގެން ނުކުންނަ މީހާ ކުށުގެ ރިކޯޑުގެ ސަބަބުން ވަޒީފާ ހަމަނުޖެހޭނަމަ ފަރުވާ ދިނުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.