Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ލީގުގެ ފުރަތަމަ މެޗުން ޕީއެސްޖީ ބަލިވެއްޖެ

ފްރެންޗް ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުން ރޭ ލެންސް އަތުން 1-0 އިން ބަލިވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެންމެފަހުން ވާދަކުރި ޕީއެސްޖީން ރޭގެ މެޗަށް ނިކުތީ މުހިއްމު ގިނަ ކުޅުންތެރިންނާ ނުލައެވެ. އެގޮތުން ޕީއެސްޖީގެ ހަތް ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން މި މެޗުގައި ކުޅެވޭ ގޮތް ވަނީ ނުވެފައެވެ. އޭގެތެރޭގައި ނޭމާ އާއި ކިލިއަން އެމްބާޕޭ ވެސް ހިމެނެއެވެ.

5000 ސަޕޯޓަރުންނާއެކު ލެންސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިގްނާޝިއަސް ގަނަގޯ އެވެ. މި ގޯލަކީ ޕީއެސްޖީގެ ތިން ނަމްބަރު ގޯލްކީޕަރު، ބުލްކާ އަތުން ހެދުނު ގޯހަކުން ވަތް ގޯލެކެވެ.

ފާއިތުވި އަށް އަހަރުތެރޭ ހަތް ފަހަރު ލީގު ހޯދާފައިވާ ޕީއެސްޖީ މިދިޔަ ސީޒަނުގައި ލީގުގައި ބަލިވެފައިވަނީ އެންމެ ތިން މެޗުންނެވެ.

ލީގުގައި ޕީއެސްޖީ އަންނަ އާދީއްތަ ދުވަހު ނިކުންނާނީ މާސޭ އާއި ދެކޮޅަށެވެ.