ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރި ސ. ފޭދޫ މީހެއްގެ މައްސަލައެއް ދަޢުވާކުރުމަށްޓަކައި ޕީޖީ އަށް ފޮނުވައިފި އެވެ.
ސްމާރޓް ފޯން ފިހާރައިގެ ބިއްލޫރިގަނޑު ތަޅަލައި ފިހާރަ ތެރެއަށް ވަދެ ވައްކަން ކޮށްފައިވާ މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ސ.ފޭދޫ ސުވާސާގެ އިބްރާހީމް ސަޢީދު (36އ) ގެ މައްޗަށެވެ.
އިބްރާހީމް ސަޢީދުގެ މައްޗަށް ދައުވާ ކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ 2013 މެއި 15 ވަނަދުވަހުގެ ވަގުތެއްގައި ޗާންދަނީ މަގުގައި ހުންނަ ސްމާރޓް ފޯން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރަތެރެއަށް ވަދެ ސެމްސަންގ ބްރޭންޑްގެ 2 ފޯނު ވަގަށް ނަގާފައިވާ ކަމަށް ތުޙުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައިގައި ވަގަށް ނެގި 2 ފޯނުގެ ތެރެއިން ފޯނެއް ހޯދައި މިހާރުވަނީ ވެރިފަރާތާ ހަވާލު ކޮށްފައެވެ.
އިބްރާހީމް ސަޢީދަކީ މީގެ ކުރިންވެސް ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި މައްސަލައަކާއި ސައްހަ ނޫން ޔޫ.އެސް ޑޮލަރު ގެންގުޅުނު މައްސަލައަކާއި ވަގަށް ނަގާފައިވާ އެއްޗެހިތަކެއް ވިއްކަން އުޅުނު މައްސަލައެއްގެ އިތުރުން މީހުންނަށް ބިރު ދައްކައިގެން ފައިސާ ފޭރިފައިވާ މައްސަލައިގެ ރެކޯޑް އޮތް ފަރާތެކެވެ.
ހަމަ އެހެންމެ ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގައާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގައާއި ފޭރުމުގެ ކުށުގައާއި މަނާކުރެވިފައިވާ މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގެ އިތުރުން އެކައުންޓްގައި ފައިސާނެތި ޗެކް ދޫކޮށް އެ ޗެކްގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގައިވެސް އިބްރާހީމް ސަޢީދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
2011 ވަނަ އަހަރު ދެ ވަނަ ފުރުޞަތުގެ ދަށުން ދޫކޮށްލާފައިވާ އިބްރާހީމް ސަޢީދަކީ މަނާކުރެވިފައިވާ މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގެ އިތުރުން އެކައުންޓްގައި ފައިސާނެތި ޗެކް ދޫކޮށް އެ ޗެކްގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ ކުށް ޝަރީއަތަށް ސާބިތުވެ ހުކުމް ކޮށްފައިވާ މީހެކެވެ.
މިއަހަރު މެއި މަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ވައްކަމުގެ މި މައްސަލައިގެ ތަޙުޤީޤު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މި އޯގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.