ސ. ގަން އިންޓަނަޝަނަލް އެއާޕޯޓް ރަންވޭ ދިގު ކުރަން ހިއްކާ ބިމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ދުބާއީގެ ގަލްފް ކޮބްލާ އިން ކުރިއަށް ގެންދާ މި މަސައްކަތުގައި އެއާޕޯޓްގެ އިރުމަތީކޮޅުން ހިއްކުމަށް ކަނޑައަޅާފައިވާ ބިން ހިއްކުމުގެ މައްސައްކޮށް ނިންމާލާފައިވާ ކަމަށެވެ. އެ ދިމާލުން ވަނީ 150 މީޓަރުގެ ބިން ހިއްކާފަ އެވެ.
އޭއައިއޭގެ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓް ބޮޑު ކުރަން ހިންގާ މަޝްރޫއުގެ ދަށުން އެއާޕޯޓްގެ އިރުމަތީކޮޅުން (ވިލިގިއްޔާވީ ކޮޅުން) ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދު އެއްކޮށް ހިއްކާ މުޅިން ނިންމާލެވިފައިވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ މި މަޝްރޫއުގެ ދަށުން ވިލިގިއްޔާވީ ކޮޅުން އެއާޕޯޓަށް 52،500 އަކަމީޓަރުގެ ބިން އިތުރު ކުރެވިފައިވާ ކަމަށެވެ.
މިހާރު ކުރިއަށް ގެންދަނީ އެއާޕޯޓްގެ ހުޅަނގު ކޮޅުން ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތެވެ.
އެ ސަރަހައްދުން ހިއްކަން ކަނޑައަޅާފައިވާ 900 މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ އިރު ކުރިއަށް އޮތް ހަތަރު ފަސް މަހެއްގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭއައިއޭ އިން ބުންޏެވެ.