Last Updated: June 9, 09:12
Tuesday, June 9, 2026
ސިޔާސީ

އައްޑޫ ތަރައްގީ ކުރާނީ އަޅުގަނޑު: ޔާމީން

އައްޑޫ ތަރައްގީ ކުރައްވާނެ ބޭފުޅަކީ އޭނާ ކަމަށާއި ޕީޕީއެމްގެ މެނިފެސްޓޯއާ ގާތްކުރާ ވަރުގެ މެނިފެސްޓޯއެއް ވެސް އެހެން ޕާޓީއެއްގައި ނޯންނާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"އައްޑޫގެ ތަރައްގީ އަށް އެންމެ ވަރުގަދަ އަށް މަސައްކަތް ކުރާނެ މީހަކީ އަޅުގަނޑު. ތަރައްގީގެ މަޝްރޫއުގައި އިގުތިސާދީ މެނިފެސްޓޯ މިރޭ އިއުލާންވެގެންދާ އިރު އަޅުގަނޑުމެންގެ މެނިފެސްޓޯއާ ކައިރި އަށް އާދެވޭނެ ޕާޓީއެއް ނޫޅޭނެ،" އިއްޔެ ހިތަދޫ ގްލޯބަލް ލިންކްސް ފިހާރައިގެ ކައިރީ ހުޅުވި "ފަހި 13" އަންހެނުންގެ ޖަގަހާގައި ޔާމީން ވިދާޅުވި އެވެ.

"މި އަތޮޅުގެ ތަރައްގީ އަކީ މާލެ ސަރަހައްދު ނަގާފައި އަޅުގަނޑަށް ގަބޫލްކުރެވޭ ގޮތުގައި އެންމެ ވަރުގަދަ އަތޮޅު ތަރައްގީކުރަން. މި އަތޮޅަށް ތަރައްގީ ޔަގީން. އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ދާއިރާ ފަހަނައަޅައި އެހެން ދާއިރާއަކަށް ތަރައްގީއެއް ނުދާނެ."

އޭނާ ވިދާޅުވީ މައުމޫންގެ ސަރުކާރަކީ އައްޑޫ ތަރައްގީ ކުރަން ވަރަށް ބޮޑަށް އިސްކަން ދެއްވި ސަރުކާރު ކަމަށެވެ.

އެގޮތުން އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ (އޭޑީއޭ) ގެ ނަމުގައި އޮފީހެއް އުފައްދައި، އައްޑޫގެ ތަރައްގީ އަށް ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް ވިދާޅުވި އެވެ. އަދި އޭޑީއޭގެ ވައިސް ޗެއާމަނަކަށް ހުންނަވައިގެން އައްޑު އަށް ގިނަ ހިދުމަތްތަކެއް ކުރެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގެންނެވި ކަމަށް ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުމޫން ރާއްޖޭގެ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، އައްޑޫގައި ތިބީ ސަރުކާރުގެ އެންމެ 17 މުވައްޒަފުން ކަމަށެވެ. ނަމަވެސް މައުމޫންގެ ވެރިކަން ނިމުނު އިރު ހަމައެކަނި ގަމުގައި ވެސް ސަރުކާރުގެ 400 މުވައްޒަފުން ތިބި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތާ ބެހޭ ގޮތުން މިހާރު ވާހަކަފުޅު ދައްކަވާ ބައެއް ބޭފުޅުންނަކީ ހަމަ ތެދުތެދަށް ދަންނަވާ ކަމަށް ވަންޏާ އަޅުގަނޑުމެން ހިދުމަތުގެ މަސައްކަތަށް ނިކުތް އިރު އެ ބޭފުޅުން ތިއްބެވީ ޑައިޕަރުގައި. އެހެންވެ އެ ބޭފުޅުންނަށް މިކަހަލަ ކަންކަން އެނގިވަޑައި ނުގަންނަވަނީ،" ޔާމީން ވިދާޅުވި އެވެ.