Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ލަވަކިޔުންތެރިޔާ އަނޫރާދާގެ ދަރިފުޅު މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަނޫރާދާ ޕޯޑްވަލްގެ ދަރިފުޅު އަދިތްޔާ ޕޯޑްވަލް މަރުުވެއްޖެއެވެ.

35 އަހަރުގެ އަދިތްޔާ ހުރީ ސިއްޙަތު ރަނގަޅަށް ކަމަށް އާއިލާއަށް ޤަބޫލު ކުރެވިފައިވީ ނަމަވެސް އޭނާގެ ހާލަތު ކުއްލިއަކަށް ސީރިއަސް ވެގެން ނޭވާލާން އުނދަގޫ ވެގެން ހިންދޫޖާ ހޮސްޕިޓަލަށް ގެންދިޔުމުން ބެލި ބެލުމުން އޭނާގެ ކިޑްނީ އެއްކޮށް ފެއިލް ވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

އަދިތްޔާގެ ހާލަތު ގޯސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި ޑޮކްޓަރުންނަށް ކުރެވުނު މަސައްކަތެއް ކޮށްފައިވާ ކަމަށާއި، އެ ގޮތުން ގޮތް ހުސްވާ ހިސާބަށް ދިޔުމުން ވެންޓިލޭޓަރަށް ލެވުނު ކަމަށް ވެސް އޭނާގެ މަންމަ އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

އަދިތްޔާ ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވެ އޭނާ މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާ މަރުވުމުން ކުރި ޓެސްޓްތަކުން މަރުގެ ސަބަބަކަށް ކޮވިޑް 19 ވެސް ވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ މަޝްހޫރު އެތައް ފިލްމީ ފަންނާނުންނެއް ވަނީ ކޮވިޑް 19 އާއި ހަނގުރާމަ ކޮށްފައެވެ.