އިސްލާމް ދީނުގެ އުސޫލްތަކާއި ހިލާފަށް ގާނޫނުލް އުގޫބާތުގެ ބިލް ރައްްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ އެކަމާ ދެކޮޅަށް ތެދުވެވަޑައިގަންނަވާ ކަމަށާއި އެކަން އެގޮތަށް ނުކުރަން ހުރިހާ އިލްމުވެރިން ފަތުވާއެއް ނެރުއްވަން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލިޔާސް ހުސައިން ގޮވާލައްވައިފި އެވެ.
އޭނާ ވިދާޅުވީ މިހާރު އޮތް ގާނޫނުލް އުގޫބާތުގެ ބިލަކީ އިސްލާމް ދީން ފުނޑުފުނޑުކޮށްލަން ހަދާ އެއްޗެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބިލް އިސްލާމް ދީނުގެ އުސޫލްތަކާއި ހިލާފަށް ފާސް ނުކުރުމަށް މަޖިލީހުގެ މެންބަރުންނަށް އިލްތިމާސް ކުރައްވާފައިވާނެ ކަމަށެވެ.
އެެހެންވެ މެންބަރުން އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިހާރު އޮތް ގާނޫނުލް އުގޫބާތުގެ ބިލްގައި އިސްލާމް ދީނުގެ އުސޫލްތައް ފުރިހަމަ ނުކޮށް ފާސް ކުރުމަކީ ދީނުން ބޭރުވާނެ ކަމެއް ކަމަށާ އެކަމަށް ފަތުވާ ދެއްވުމަށް ހުރިހާ ޢިލްމުވެރިންނަށް ގޮވާލައްވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
"އަޅުގަނޑު މި ވަގުތު ރާއްޖޭގެ ހުރިހާ ޢިލްމުވެރިންނަށް ގޮވާލަން އިނގޭތޯ މިކަމަށް ފަތުވާ ދެއްވުމަށް. އިސްލާމް ދީނާ ހިލާފަށް އެއްވެސް ގާނޫނެއް ހެދުމުގެ ބާރު ހަމަ އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވޭ." އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާހުކޮށްގެން ގާނޫނޫލް އުގޫބާތެއް އަވަހަށް ފާސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ނަމަވެސް އެ ބިލް ފާސް ކުރާ އިރު ފުރިހަމަވާން ޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެހެން ނޫނީ އެ ބިލް ފާސް ކުރުމަށް ވޯޓްދެއްވާ ހިސާބުން މެންބަރުންގެ ކައިވެނިތައް ރޫޅި އިސްލާމް ދީނާ ގާނޫން އަސާސީއާއި ޚިލާފު އަމަލެއް ހިންގުނީ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
"ވަރަށް ކެރި ހުރެ މި ދަންނަވަނީ މަޖިލީހުގެ މެންބަރުން އެފަދަ ބިލެއް ފާސް ކުރަން ވޯޓް ދެއްވައިފި ނަމަ ބަޓަނަށް އޮބާލާ ހިސާބުން މެންބަރުންގެ ކައިވެނިތައް ރޫޅިގެން ދާނެ. އެއީ އިސްލާމް ދީނަށް ހިލާފް ޢަމަލެއް ކުރީތީ. އެފަދަ ޤާނޫނެއް ފާސް ކުރުމަށް ވޯޓް ދެއްވީތީ." އިލްޔާސް ވިދާޅުވި އެވެ.