ދާދި ފަހުން ނިޔާވި މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ހަގު ފިރިހެން ދަރިފުޅު އުދޭ ޗޯޕްޅާ އާއި ނަރްގިސް ފަހުރީ ކައިވެނި ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމް "ރޮކް ސްޓާ" އިން ބޮލީވުޑަށް ތައާރަފް ވުމަށް ފަހު، ޖޯން އަބްރަހަމް އާ އެކު "މެޑްރާސް ކެފޭ" ގައި މިހާރު މަސައްކަތް ކުރަމުން އަންނަ ނަރުގިސް އާއި އުދޭ އެކިއެކި ހަފުލާތަކުގައި ވަރަށް ގިނައިން އެކުގައި ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ އެ ދެ މީހުންގެ މެދުގައި އޮތީ "އެކުވެރި" ކަމަށް ވުރެ "ގާތް ގުޅުމެއް" ކަމަށް ބަައެއް ފަރާތްތަކުން ބުނެ އެވެ.
ދާދި ފަހުން ފިލްމް ފެއާ މެގަޒިން އިން އާންމު ކުރި ހަބަރަކަށް ބަލާ އިރު އުދޭ އާއި ނަރުގިސްގެ ކައިވެންޏާ ބެހޭ ގޮތުން ދެ ފަރާތުގެ އާއިލާ ބައްދަލުކޮށް ވާހަކަ ވެސް ދައްކާފައިވެ އެވެ. އަދި އެ ދެ މީހުންގެ ގުޅުމަށް ދެ ފަރާތުގެ އާއިލާ އިން ވެސް ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށް ފިލްމް ފެއާ އިން ބުންޏެވެ.
"ދޫމް" ގެ ސީރީޒްތަކުގައި އަދާކޮށްފައިވާ "އަލީ" ގެ ކެރެކްޓާ އިން މަޝްހޫރުވެފައިވާ އުދޭ އާއި ނަރުގިސް ކައިވެނި ކުރަން އުޅޭ ހަބަރުތައް ފެތުރެމުން ދިޔަ ނަމަވެސް، އެ ދެ މީހުން އަދި މިހާތަނަށް މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.
އެހެންވެ ދެ ތަރިން ކައިވެނި ކުރާނީ ކޮން އިރަކުން ކަމެއް އަދި ނޭނގެ އެވެ. އެކަމަކު މިހާރު ޔަގީންވާ އެއް ކަމަކީ ދެ މީހުންގެ މެދުގައި "ބޮޑު ގުޅުމެއް" ހިނގާ ކަމެވެ.
އުދޭގެ ކައިވެނީގެ ވާހަކަތައްް ފެންމަތިވެފައިވާ އިރު އޭނާގެ ބޭބެ އަދި ކުޅަދާނަ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އާއި ބަތަލާ ރާނީ މުކަރުޖީގެ ގުޅުމުގެ ވާހަކައަކީ ވެސް އެންމެން ދަންނަ ވާހަކެއެކެވެ. އެ ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން ވެސް އެކި ގޮތްގޮތަށް އަޑު އަރާފައިވެ އެވެ.
އެގޮތުން ސިއްރުން ކައިވެނިކޮށްފި ކަމަށާއި ކައިވެނި ކުރުމަށް ތާރީހުތަކެެއް ކަނޑައަޅާފައިވާ ކަމަށް ބުނެ މީޑިއާތަކުން މީގެ ކުރިން އެކި ގޮތްގޮތަށް ހަބަރު ފަތުރާފައިވެ އެވެ.