Last Updated: June 9, 09:12
Tuesday, June 9, 2026
ވިޔަފާރި

"ގަމުގެ ފެކްޓްރީތައް ބަންދު ކުރީ ބަނގުރޫޓްވެގެން"

ސ. ގަމުގައި ހިންގި ގާމަންޓް ފެކްޓްރީތައް ބަންދު ކުރީ ކުންފުނިތައް ބަނގުރޫޓުވެގެން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އޭނާ އައްޑޫގައި އޭނާ ވިދާޅުވީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ ހިއްސާވެގެން ހިންގި ފެކްޓަރީތައް ބަންދުކުރަން ޖެހުނީ އެތަންތަން ހިންގި ބޭރުގެ ކުންފުނިތައް ބަނގުރޫޓްވެގެން ކަމަށެވެ.
އަދި އެއީ ފެކްޓަރީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ސަރުކާރުން އެޅި ފިޔަވަޅެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"މިތަނުގައި ހިންގި ޖޭއެސްއެމް ފެކްޓަރީ އާއި ސިލްވަ ލައިން ފެކްޓަރީ އަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާ ހިއްސާވެގެން ހިންގި ކުންފުނިތަކެއް،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭރު އެސްޓީއޯގެ ޗެއާމަނަކަށް ވެސް އަދި ޓްރޭޓް މިނިސްޓަރަކަށް ވެސް ހުންނެވީ އިލްޔާސް އިބްރާހީމެވެ. ޔާމީން މަސައްކަތްކުރެއްވީ ފޮރިން އިންވެސްޓްމަންޓް ބައިގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެނެހުރިން ހަ މަސް ދުވަސް ވަންދެން ސިލްވާ ލައިނަށް، ޖޭއެސްއެމް އަށް ބޭރުން ފައިސާ ނައިސްގެން ދިވެހި މުވައްޒަފުންނަށް މުސާރަ ނުދެވިގެން ކޮންމެ ފަހަރަކު މުސާރަ ދެނީ އެސްޓީއޯ އަށް ލިބޭ ފައިސާ އިން. އަދި މި ފައިސާ ދަރަންޏެއްގެ ގޮތުގައި ޖަހާފައި އޮވެގެން މި ބޭރުގެ ކުންފުނިތަކަށް މި ދަރަނި އަދައެއް ނުކުރެވޭ،" ޔާމީން ވިދާޅުވި އެވެ. "ތަކުރާރުކޮށް އަންގައި ނަސޭހަތް ދީ ވެސް މިކަންކަން ނުވެގެން އެންމެ ފަހުން ސަރުކާރަށް އޮތް ދަރަނި ބޮޑުވެގެން އެމީހުންނަށް މިތަނުގައި އެކަން ނުވެގެން، ނުހިންގިގެން އެ ފެކްޓަރީތައް ހުއްޓާލާފައި ދިޔައީ."

އޭގެ ފަހުން ސްރީ ލަންކާގެ ޖުވެލް ޓެކްސް އާއި ލީނިއާ ފެކްޓްރީތަަަކަށް ވެސް ދިމާވީ ހަމަ މިފަދަ މައްސަލަތަކެއް ކަމަށް ޔާމީން ވިދާޅުވި އެވެ.