Last Updated: June 9, 09:12
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާގެ އައިޓަމް ލަވައެއް "ރާމް ލީލާ" ގައި

ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގް ލީޑް ރޯލް ކުޅޭ "ރާމް ލީލާ" ގެ އައިޓަމް ލަވައެއް ކުޅެން ޕްރިޔަންކާ ޗޯޕްޅާ އެއްބަސްވެއްޖެ އެވެ.

އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރިލީޒް ކުރާ މި ފިލްމަކީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކުރާ ފިލްމެކެވެ.

"ރާމް ލީލާ" ގެ އައިޓަމް ލަވައެއް ކުޅެން އެއްބަސްވެ، ލަވައިގެ ޝޫޓިން ވެސް ޕްރިޔަންކާ ފަށާފައި މި ވަނީ އެ ލަވަ މީގެ ކުރިން މަދޫރީ ޑިކްޝިޓް އާއި އައިޝްވާރިއާ ރާއީ އަށް ހުށަހަޅާފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ. އެ ދެ ތަރިންނަކީ މީގެ ކުރިން ސަންޖޭ އާ އެކު މަސައްކަތްކޮށްފައިވާ ދެ ބަތަލާއިންނެވެ.

އަދި ޕްރިޔަންކާ މިހާރު އަންނީ ބަންސާލީ ޕްރޮޑިއުސް ކުރާ އިންޑިއާގެ މަޝްހޫރު އަންހެން ބޮކްސަރު މޭރީ ކޮމްގެ މައްޗަށް ތައްޔާރު ކުރާ ފިލްމްގެ ޓައިޓްލް ކެރެކްޓާގައި ހަރަކާތްރެތިވަމުންނެވެ.

"ރާމް ލީލާ" ގެ އައިޓަމް ލަަވައަކުން ޕްރިޔަންކާ ފެންނަ އިރު، އޭނާ ވަނީ "ޝޫޓް އައުޓް އެޓް ވަޑާލާ" ގެ އައިޓަމް ލަވައެއް ވެސް ކުޅެފަ އެވެ.