Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

އޯބަމަޔަން އާސެނަލްގެ ކޮންޓްރެކްޓް ތިން އަހަރަށް އާކޮށްފި

އާސެނަލްގެ އިތުބާރު ފޯވާޑް ޕިއެރޭ-އެމެރިކް އޯބަމަޔަން އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

އުމުރުން 31 އަހަރުގެ އޯބަމަޔަން އާސެނަލްގެ ކޮންޓްރެކްޓް އާކުރީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެކުރިން އޭނާ އާސެނަލްއާއެކު ހެދި އެއްބަސްވުން އޮތީ މި ސީޒަނަށްފަހު ހަމަވާ ގޮތަށެވެ.

އާސެނަލްގެ ކެޕްޓަންކަން ވެސް މިހާރު ކުރަމުން އަންނަ އޯބަމަޔަން ބުނީ އެ ކްލަބާއި މެދު އޭނާގެ ފޮނި އުއްމީދުތަކެއް އެބަހުރި ކަމަށާއި އެގޮތުން އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ބޮޑެތި ކާމިޔާބީތަކެއް ހޯދިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ 56 މިލިއަން ޕައުންޑުގެ އަގަކަށް އާސެނަލްއާ ގުޅުނު އޮބަމަޔަން ވަނީ މިހާތަނަށް އެ ކްލަބަށް ކުޅެދިން 111 މެޗުގައި 72 ގޯލު ކާމިޔާބުކޮށްފައެވެ. އެގޮތުން ޕްރިމިއާ ލީގުގައި އޭނާ މިހާތަނަށް ކުޅުނު 86 މެޗުގައި ވަނީ 55 ގޯލު ކާމިޔާބުކޮށް 12 އެސިސްޓު ހަދާފައެވެ.

އެގޮތުން މިދިޔަ ސީޒަނުގައި އާސެނަލް އިން އެފްއޭކަޕް ކާމިޔާބުކުރިއިރު އެ މެޗުގައި އެޓީމުން ކާމިޔާބުކުރި ދެ ގޯލުވެސް ކާމިޔާބުކޮށްދީފައިވަނީ އޯބަމަޔަން އެވެ.