މަގުތައް މަތީގައި ލާފައިވާ ކުލަ އާއި ދަމާފައިވާ ދިދަފަތިތައް، ކޮންމެ ކުލައެއްގައި، ހުރި ހުއްޓަސް އައްޑޫން ވެސް ޤައުމައިގެން ކުރިއަށް ކޯލިޝަނަށް ވަރަށް ބޮޑު ތަރުޙީބެއް އެބަ އޮތް ކަމަށް، ކޯލިޝަންގައި ހިމެނޭ ޑިއާރުޕީގެ ނާއިބު ރައީސާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.
ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޑރ. މުހަންމަދު ވަހީދު ހަސަންގެ،އަނބިކަނބަލުން އިލްހާމް ޙުސެއިން އާ އެކު އައްޑޫގައި މިހާރު ހަރަކާތްތެރިވާ ކޯލިޝަންގެ ޓީމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ރޮޒައިނާ ވިދާޅުވީ ކޯލިޝަންގެ ޓީމުން އައްޑޫގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުން ރައްޔިތުންގެ މެދުގައި ރައީސް ޑރ. ވަހީދަށް އޮތް ތާޢީދު ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.
އެގޮތުން ބައެއް ބޭފުޅުންގެ ވާހަކައިގައި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ޤައުމު ހިންގުމުގައި، ޑރ. ވަހީދު ގެންގުޅުއްވި ޙިކުމަތްތެރި އުސޫލުތަކާއި ބެހެއްޓެވި ކެތްތެރިކަން ފާހަގަކޮށްފައިވާ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އައްޑު އަށް ކޯލިޝަންގެ ޓީމުން މިހާރު ކުރާ ދަތުރުގައި ރައީސް ޑރ. ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސޭން ވަނީ ހުޅުމީދު އަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ.
އައްޑޫގައި ހަރަކާތްތެރިވާ ޓީމުން މިހާރު ގުޅިފައިވާ ރަށްތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ކޯލިޝަންގެ ޖަލްސާއެއް އައްޑޫގައި ބާއްވަން ވެސް ވަނީ ހަމަޖައްސާފަ އެވެ.