Last Updated: June 9, 09:22
Tuesday, June 9, 2026
ޚަބަރު

މިއަދުން ފެށިގެން ޕެޓްރޯލް ވިއްކުމުގައި ހާއްސަ ކަމެއް!

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ތެރޭގައި އައްޑޫގައި ހަމަނުޖެހުންތަކެއް ހިނގައިފާނެ ކަމަށް ބަލައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އައްޑޫގެ ތެޔޮ ޝެޑްތަކުން ޕެޓްރޯލް ގަންނަ ފަރާތްތަކުގެ މައުލޫމާތު އެ ތަންތަނުން ބަލަހައްޓަން އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނަނީ މިއަދުން ފެށިގެން، އައްޑޫގެ ތެޔޮ ޝެޑްތަކުން ވެހިކަލްތަކަށް ޕެޓްރޯލް އަޅާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކާ ބެހޭ މައުލޫމާތު ތެޔޮ ޝެޑްތަކުން ބަލަހައްޓަން ޖެހޭނެ ކަމަށެވެ. އަދި މިއީ މި ވަގުތަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވެސް މަޝްވަރާ ދީފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

"ވީމާ މި އިދާރާ އިން ވަކި ގޮތެއް ކަނޑައަޅައި އަންގަންދެން ވެހިކަލްތަކަށް ޕެޓްރޯލް އަޅައި ދިނުން ފިޔަވައި އެހެނިހެން ގޮތްގޮތުން ޕެޓްރޯލް ގަންނަ ފަރާތްތަކުގެ މައުލޫމާތު (އައިޑީ ކާޑް ނަމްބަރާ އެކު) ބެލެހެއްޓުމަކީ މުޖުތަމައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅަކަށްވާތީ މިގޮތުގެ މަތިން އަމަލު ކުރުމަށް ޕެޓްރޯލް ވިއްކާ ހުރިހާ ފަރާތްތަކަށް އެންގީމެވެ." ކައުންސިލްގެ ބަޔާނުގައިވެ އެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ 8، 2012 ގައި ހިނގި ފަދަ ހާދިސާއެއް އައްޑޫގައި ތަކުރާރުވާން ކައުންސިލުން ބޭނުން ނުވާ ކަމަށެވެ.

އެ ދުވަހަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ 7 ގައި މަގާމުން އިސްތިއުފާ ދެއްވުމުން އައްޑޫގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައި، ފުލުހުންގެ މަރުކަޒުތަކާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތައް އަންދައި އަޅި އަށް ހަދާލި ދުވަހެކެވެ.