Last Updated: June 9, 09:23
Tuesday, June 9, 2026
ރިޕޯޓް

އައިލެންޑް ޓީވީ "ސިޔާސީވެފައި"

ހުޅުމީދޫގައި ހުންނަ އައިލެންޑް ޓީވި އޮފީސް: ހިދުމަތާ މެދު ކަސްޓަމަރުން ހިތްހަމައެއް ނުޖެހޭ. ފޮޓޯ/ ކިއުންތެރިއެެއް

އައްޑޫޫގެ އާބާދީގެ ބޮޑު ބަޔަކަށް ކޭބަލް ޓީވީގެ ހިދުމަތްދޭ އައިލެންޑް ޓީވީ އާ މެދު ގިނަ ބަޔަކު ހިތްހަމައެއްނުޖެހެ އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާ ނެޓްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ އައިލެންޑް ޓީވީ އާ މެދު އައްޑޫގެ ގިނަ ބަޔަކު ކަންބޮޑު ވަނީ އެ ކުންފުނިން "ސިޔާސީ ކުޅި ކުޅޭތީ" ކަމަށް ބައެއް މީހުން ބުންޏެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި ހިތަދު އަށް ނިސްބަތްވާ އައިލެންޑް ޓީވީގެ ކަސްޓަމަރަކު ބުނީ "އިތުރު ޗޮއިސްއެއް އޮތް ނަމަ އައިލެންޑް ޓީވީގެ ހިދުމަތް ނުހޯދާނެ" ކަމަށެވެ.

"އެތަން ހިންގަން ތިބެނީ އެމްޑީޕީގެ އިސް އެކްޓިވިސްޓުން. އެހެންވީމާ ވާ ގޮތަކީ އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ޖަލްސާއެއް ލައިވް ޖަލްސާއެއް ބާއްވަންޏާ ހަޖަމް ނުުކުރެވިގެން ވަކި ހިސާބަކުން އެ މީހުން ހިދުމަތް ކަނޑާލަނީ. މިއީ އަލަކަށްވާ ކަމެއް ނޫން. ތަކުރާރުކޮށް މި މައްސަލަ އެބަ ދިމާވޭ،" އޭނާ ބުންޏެވެ. "އަނެއްކާ މިހާރު އެނގޭ ސީދާ ކަނޑައެޅިގެން އެ މީހުން މިގޮތަށް އަމަލު ކުރާކަން. ދެން މި ވާހަކަ ދައްކާ އިރަށް ބުނާނެ ކަރަންޓް ކެނޑިގެން ހިދުމަތް ކެނޑުނީއްޔޭ. އެކަމަކު އެއީއެއް ނޫން ހަގީގަތަކީ."

ފޭދޫން ވެސް ވާހަކަ ދެއްކި އައިލެންޑް ޓީވީގެ ކަސްޓަމަރު ބުނީ އެމްޑީޕީން އައްޑޫގައި ބާއްވާ ލައިވް ޖަލްސާއެއް ރާއްޖެ ޓީވީން ގެނެސްދޭ އިރު ދުވަހަކު ވެސް ހިދުމަތް މެދުނުކެނޑޭ ކަމަށެވެ.
އަދި ސިޔާސީ އެހެން ޕާޓީއަކުން ލައިވް ޖަލްސާއެއް ބާއްވާ އިރަށް، "ކޮންމެވެސް" ކަމެއް ދިމާވެ ހިދުމަތް މެދުނުކެނޑި ނުދާ ކަމަށެވެ.

އަނެއްކޮޅުން އެމްޑީޕީ ނޫން ޕާޓީއެއްގެ މީހަކު ޗެނަލެއްގެ އިންޓަވިއުއަކަށް އަރައިފި ނަމަ ވަގުތުން އައިލެންޑް ޓީވީގެ ހިދުމަތް ކެނޑޭނެ އެވެ. މިއީ ކިތަންމެ ފަހަރަކު، ކިތަންމެ ބަޔަކު އައްޑޫގައި ތަޖުރިބާކޮށްފައިވާ ކަމެކެވެ. މިއީ މިހާރު ވެސް ތަކުރާރުކޮށް ކަން ހިނގާ އުސޫލެވެ.

"އެ މީހުންނަކަށް ނޭގެނީތަ އަޅުގަނޑުމެން ހިދުމަތް ހޯދަނީ ފީ ދައްކާފައި ކަމެެއް. ހިދުމަތް ހަމަހަމާ އެކު ނުދެވެންޏާ ރައްޔިތުންގެ އަތުން ލާރި ނަގައިގެން ވިޔަފާރި ކުރުމަށް ވުރެ އައިލެންޑް ޓީވީ ހިންގަން ތިބި މީހުން މާ ރަނގަޅު ވާނެ އެމްޑީޕީގެ އިސް ސަފުގައި ސިޔާސީ ކުޅިވަރު ކުޅެން ތިބިއްޔާ،" އޭނާ ބުންޏެވެ. "އައިލެންޑް ޓީވީން މި ގޮތަށް ތަކުރާރުކޮށް އަމަލު ކުރާތީ މި ޝަކުވާ މީޑިއާ ނެޓަށް ވެސް އެތައް ފަހަރަކު ގެންދެވިއްޖެ. އެ ބޭފުޅުން ވިދާޅުވަނީ ތިކަން ތި ގޮތަށް ހިނގާ ކަމެއް ނޭނގެއޭ. އެހެން ވެެއްޖިއްޔާ އަޅުގަނޑުމެން މި ބުނަނީ މިކަން އެބަ ހިނގައޭ. ހައްލެއް ހޯދައި ދޭށޭ. އެކަމަކު އެކަމެއް ވެސް ނުކުރެވޭ."

ފޭދޫން ވާހަކަ ދެެއްކި އެހެން މީހަކު ބުނި އައިލެންޑް ޓީވީން އަމަލު ކުރާ ގޮތާ ގުޅިގެން، ކުންފުނީގެ އިސްވެރިންނާ މި ވާހަކަ ހިއްސާކޮށްފައި ވާނެ ކަމަށެވެ. އަދި ހަމަހަމަ ކަމާ އެކު ހިދުމަތް ނުދެވޭ ކަމަށްވާ ނަމަ މަގުތައް މަތީގައި ހުރި ކޭބަލް ފޮށިތައް ހަލާލުކޮށްލާނެ ކަމުގެ އިންޒާރު ވެސް ދީފައި ވާނެ ކަަމަށެވެ.

"މިކަން ރަނގަޅުވާތޯ ލައްކަ ދުވަހު ވާހަކަ ދެެއްކިއްޖެ. އެކަމަކުވީ ކަމެއް ހަރާން. އައްޑު އަށް ކޭބަލް ޓީވީ މެދުވެރިކޮށް ލިބޭ ލޯކަލް ޗެނަލްތަކަށް ބަލާ އިރު ރާއްޖެ ޓީވީ ބަރާބަރަށް އަބަދު ވެސް ލިބޭނެ. ސިގުނަލެއް ވެސް ދުވަހަކު ނުކެނޑޭ. އެކަމަކު ޓީވީއެމް، ވީޓީވީ، ދިޓީވީ އަދި ޗެނަލް 13 ފަދަ ޗެނަލަކަށް މައްސަލައެެއް ނުޖެހިއެއް ނުހުންނާނެ. މިހާރު ވެސް ޗެނަލް 13 އަށް ސިގްނަލް ނުލިބި ފޮޓޯ ހުއްޓިފައި ގިނަ ފަހަރަށް ހުންނާނީ."

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކޭބަލް ޓީވީގެ ހިދުމަތް ހަމައެކަނި އައިލެންޑް ޓީވީން ދިން ނަމަވެސް ވަކިން އޮންނަ ހުޅުމީދު އަށް އައިލެންޑް ޓީވީގެ އިތުރުން ސެޓް ލިންކުން އަންނަނީ ޑިޖިޓަލްކޮށް ހިދުމަތް ދެމުންނެވެ. އަދި އެ ރަށުގައި ސެޓް ލިންްކްގެ ކަސްޓަމަރުންގެ އަދަދު އަންނަނީ ވަަރަށް ބޮޑަށް އިތުރުވަމުންނެވެ.

"އައިލެންޑް ޓީވީގެ ހިދުމަތާ މެދު ހިތްހަމަނުޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި. އޭގެ ތެރޭގައި ޗެނަލްތައް ނުސާފުވެ އަޑުއަޑު އަރާފައި ހުރުމާއި ޗެނަލްތައް ކެނޑިފައި ހުރުމާއި ހިދުމަތް އަޕްގްރޭޑް ކުރަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރުން. މި ފެންވަރުގައި ވެސް ހިދުމަތް ދީގެން ރައްޔިތުންގެ އަތުން ފީ ނެގެނިކޮށް އެ މީހުންނަށް ނިމުނީ،" މަރަދޫ މީހަކު ބުންޏެވެ.

ސެޓް ލިންކުން މިހާރު ވަނީ މުޅި އައްޑު އަށް އެ ކުންފުނިން ހިދުމަތް ދޭން ނިންމާފަ އެވެ. އެގޮތުން މި މަހުގެ ތެރޭގައި އައްޑޫގެ ގުޅިފައިވާ ރަށްރަށަށް ޓެސްޓް ސިގްނަލް ދޫކުރަން ވަނީ ނިިންމާފަ އެވެ. އެކަމަށް ރައްޔިތުން ތިބީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.

"އެ ކުންފުނިން ހިދުމަތް ދޭން ފެށުމާ އެކު އަޅުގަނޑުމެން އައިލެންޑް ޓީވީ އަށް ޓާޓާ ކިޔާލާނަން،" ހިތަދޫން ވާހަކަ ދެެއްކި މީހަކު ބުންޏެވެ.