Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

ހަތް އަހަރަށްފަހު ބޭލް އެނބުރި ޓޮޓެންހަމް އަށް

ރެއާލް މެޑްރިޑަށް ކުޅެމުން އައި ގެރެތް ބޭލް ހަތް އަހަރަށްފަހު އޭނާގެ ކުރީގެ ކްލަބު ކަމަށްވާ ޓޮޓެންހަމް އަށް މިއަދު ބަދަލުވެއްޖެއެވެ.

ބޭލް 2013 ވަނަ އަހަރު ރެއާލް އަށް ބަދަލުވީ ޓޮޓެންހަމް އިން 85 މިލިއަން ޕައުންޑްގެ އަގަކަށެވެ. ރެއާލް އަށް 100 އަށް ވުރެ ގިނަ ގޯލު ބޭލް ކާމިޔާބުކޮށްދީފައިވާއިރު، ފާއިތުވި ސީޒަންތަކުގައި އޭނާ އަށް ވަނީ އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން މަދުވެފައެވެ.

ވޭލްސް އަށް އުފަން އުމުރުން 31 އަހަރުގެ ބޭލް ޓޮޓެންހަމް އަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށް ލޯނެއްގެ ދަށުންނެވެ. ލޯނުގެ މުއްދަތު ހަމަވުމުން ދާއިމީ ގޮތެއްގައި އޭނާ އެ ކްލަބަށް ގެނައުމަށް ޓޮޓެންހަމް އިން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.

ބޭލް ގެނައި ނަމަވެސް އޭނާ މިވަގުތު ހުރީ އަނިޔާއެއްގައި ކަމުން އެ ކްލަބާއެކު މެޗެއް އެންމެ އަވަހަށް ވެސް ކުޅެވޭނީ އަންނަ މަހުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޭލްގެ އިތުރުން ޓޮޓެންހަމް އިން މިއަދު ވަނީ ރެއާލްގެ ޒުވާން ޑިފެންޑަރު ސާޖިއޯ ރެގިއުލޮން ވެސް އެ ކްލަބަށް ގެނެސްފައެވެ. އުމުރުން 23 އަހަރުގެ ރެގިއުލޮން ޓޮޓެންހަމް އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބޭލް އާއި ރެގިއުލޮން ގެނައުމުގެ މަސައްކަތް ޓޮޓެންހަމް އިން ފަށާފައިވާއިރު، ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމް ވަނީ 1-0 އިން އެވަޓަން އަތުން ބަލިވެފައެވެ.