Last Updated: June 9, 06:10
Tuesday, June 9, 2026
ސިޔާސީ

ސިއްރާ އެމްޑީޕީއަކަށް ސޮއެއް ނުކުރޭ

ސިއްރާ ނަޝީދާ ސަލާން ކުރާ އިރު މޯޑް ކައިރީގައި. ފޮޓޯ/ ކިއުންތެރިއެއް

ޕީޕީއެމްގެ އައްޑޫ އިސް އެކްޓިވިސްޓެއް ކަމަށްވާ އާގަލާ އަހުމަދު ހަސަންދީދީ (ސިއްރާ) އެމްޑީޕީ އަށް ސޮއި ކުރި ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އޭނާ އެ ޕާޓީ އަށް ސޮއި ނުކުރާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ އައްޑޫ އެމްޑީޕީ ސަޕޯޓަރުންނާ އެކު ސިއްރާ މިހާރަކަށް އައިސް ފެނުނު ނަމަވެސް، އޭނާ އެމްޑީޕީ އަށް އަދި ސޮއިކޮށްފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް ކުރިން އެމްޑީޕީ އާ ވަރަށް ބޮޑު ދެކޮޅުވެރި ކަމެއް އޮންނަ ސިއްރާ އާއި އެމްޑީޕީ އާ ދެމެދު މިހާރު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެންމެ ފަހުން އައްޑު އަށް ކުރެއްވި ދަތުރުގެ އެކި ހަރަކާތްތަކުގެ ތެރެއިން ވެސް ސިއްރާ ފެނިފައިވެ އެވެ.

އޭނާ އެމްޑީޕީ އަށް ސޮއިކޮށްފައިވާ ކަމަށް ބުނެ އަޑު ފެތުރިފައިވާ އިރު ސިއްރާއަކީ އެމްޑީޕީ އަށް ނިސްބަތްވާ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަށް ފެބްރުއަރީ 8، 2012 ގައި ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި ވެސް ދައުވާ ކުރި މީހެކެވެ. އެ ދައުވާގެ އޭނާގެ މައްޗަށް ސާބިތެއް ނުވެ އެވެ.

ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުރި ސިއްރާ އެމްޑީޕީ އާ ގާތް ގުޅުމެއް އުފެދިފައިވާ އިރު، ޕީޕީއެމްގެ ކެމްޕޭނުގައި އައްޑޫގައި ވެސް އިސް ރޯލެއް އަދާ ކުރާ ގްލޯބަލް ލިންކްސްގެ ވެރިޔާ މުހައްމަދު ޖުނޭދަކީ ސިއްރާ އާ ވަރަށް ބޮޑު ދެކޮޅުވެރި ކަމެއް އޮންނަ ވިޔަފާރިވެރިއެކެވެ.

ޖުނޭދު ވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ އޭނާގެ ފިހާރަ ކައިރީގައި ޕީޕީއެމްގެ ކެމްޕޭން ޖަގަހައެއް ވެސް މިދިޔަ ހުކުރު ދުވަހު ހުޅުވާފަ އެވެ.