Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

މާނޭގެ ދެ ގޯލުން ލިވަޕޫލް އިން ޗެލްސީ ބަލިކޮށްފި

ސަޑިއޯ މާނޭގެ ދެ ގޯލުން 2-0 އިން ޗެލްސީގެ މައްޗަށް ލިވަޕޫލް އިން ކުރި ހޯދައިފިއެވެ.

ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް މި ހާފުގެ ފަހުވަގުތުކޮޅުތެރޭ ލިވަޕޫލްގެ މާނޭ އަށް ޗެލްސީގެ ޑިފެންޑަރު ކްރިސްޓެންސަން ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރަތްކާޑު ދައްކާފައެވެ.

10 ކުޅުންތެރިންނާއެކު ދެވަނަ ހާފްގައި ޗެލްސީން ކުޅެން ޖެހުނުއިރު މެޗުގެ 50 ވަނަ މިނެޓްގައި މާނޭ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން މާނޭ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. މާނޭގެ މި ގޯލަކީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަތުން ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެކެވެ.

ޗެލްސީ އަށް މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ޕެނަލްޓީ އެއް ލިބުނު ނަމަވެސް ޖޯޖީނިއޯ ފޮނުވާލި އެ ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފައެވެ.

މިރޭގެ މެޗުގެ ދެވަނަ ހާފްގައި ބަޔާން މިއުނިކުން ލިވަޕޫލްއާ ދާދިފަހުން ގުޅުނު ހުނަރުވެރި މިޑްފީލްޑަރު ތިއާގޯ ވެސް ކުޅެފައިވެއެވެ.

ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ލިވަޕޫލް މޮޅުވެފައިވާއިރު، މިއީ ޗެލްސީ ބަލިވި ފުރަތަމަ މެޗެވެ. ލީގުގައި ލިވަޕޫލް ދެން ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. ޗެލްސީ ބައްދަލުކުރާނީ ވެސްޓްބްރޮމްއާ އެވެ.