Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ޕިރްލޯގެ ފުރަތަމަ މެޗުން ޔުވެންޓަސް އަށް މޮޅެއް

ޔުވެންޓަސްގެ އާ ކޯޗު އަންދްރޭ ޕިރްލޯގެ ކޯޗުކަމުގައި އެ ކްލަބު ކުޅުނު ފުރަތަމަ މެޗުން ރޭ އިޓާލިއަން ލީގުގައި ސަމްޕްޑޯރިއާ އަތުން 3-0 އިން މޮޅުވެއްޖެއެވެ.

1000 ސަޕޯޓަރުންނާއެކު ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ޔުވެންޓަސް އަށް މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްވިޑަން ފޯވާޑް ޑެޖާން ކުލުސެވްސްކީ އެވެ. ޔުވެންޓަސްގެ ދެ ވަނަ ގޯލް 78 ވަނަ މިނެޓުގައި ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ޖެހިއިރު ފަހު ގޯލް 88 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މީގެކުރިން އެއްވެސް ޓީމަކަށް ކޯޗުކޮށްދީފައި ނުވާ ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމަށް ހަމަޖެއްސީ އެޓީމުގެ ކޯޗަކަށް ކުރިން ހުރި މައުރީޒިއޯ ސާރީ މަގާމުން ވަކިކުރުމަށްފަހުއެވެ. 2006 ވަނަ އަހަރު އިޓަލީގެ ގައުމީ ޓީމާއެކު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޕިރްލޯގެ އިރުޝާދުގެ ދަށުން ޔުވެންޓަސް މި ސީޒަނަށް ނިކުމެފައިވަނީ އިޓާލިއަން ލީގު ޖެހިޖެހިގެން 10 ވަނަ ފަހަރަށް ކާމިޔާބު ކުރުމަށެވެ.

ޔުވެންޓަސްގެ އިތުރުން ލީގުގައި ރޭ ނަޕޯލީން ވަނީ ޕާމާ އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެފަ އެވެ.