Last Updated: March 28, 21:43
Thursday, March 28, 2024
ކުޅިވަރު

ވުލްވްސް ބަލިކޮށް ސިޓީ އަށް ރަނގަޅު ފެށުމެއް

3-1 އިން ވުލްވްސް ބަލިކޮށް ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 20 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަނުގެ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކެވިން ޑެ ބްރައިނާއެވެ.

އަދި މެޗުގެ 32 ވަނަ މިނެޓްގައި ފިލް ފޮޑެން ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ސިޓީން ވަނީ ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ވުލްވްސް އިން ކުޅުން ރަނގަޅު ކުރިއިރު، މި ހާފުގެ ކުރީކޮޅު އެޓީމުގެ ޕޮޑެންސް އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި ރައުލް ހިމިނޭޒްގެ ގޯލާއެކު ވުލްވްސް އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން ވުލްވްސް އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދަނިކޮށް، މެޗުގެ އެންމެފަހު މިނެޓްގައި ގެބްރިއަލް ޖީސެސް ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓު މި މެޗުން ކަށަވަރުކޮށްދީފައެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ލެސްޓަ ސިޓީ އާއެވެ.