Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު

ޗައިނާ ރައީސަށް ފާޑުކީ މީހާއަށް 18 އަހަރުގެ ޖަލު ހުކުމެއް

EPA

ޗައިނާގެ ރައީސް ޝީ ޖިންގޕިންގ އަށް އަމާޒުކޮށް ފާޑުކިޔައި ރިޕޯޓެއް ނެރުނު ރިއަލް އެސްޓޭޓު ވިޔަފާރިވެރިޔާ ރެން ޒިގިއަންގް، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާއެއްގައި 18 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ރިއަލް އެސްޓޭޓު ވިޔަފާރިން މިހާރު ރިޓަޔާ ކޮށްފައިހުރި ރެން، މާޗު މަހުގެ ތެރޭގައި ރައީސް ޝީ ޖިންގޕިންގ އަށް އަމާޒުކޮށް ރިޕޯޓެއް ނެރުނީ ކޮވިޑް-19 ފެތުރުނު ގޮތާ ގުޅިގެން އޭނާގެ ސަރުކާރުން އަމަލުކުރި ގޮތް ކަމު ނުގޮސްގެންނެވެ.

އޭނާގެ ރިޕޯޓުގައި ރައީސްގެ ނަން ގެނެސްފައި ނުވި ނަމަވެސް އެއީ ސީދާ ރައީސަށް އަމާޒުކޮށް ނެރުނު ރިޕޯޓެއް ކަމަށް ވާހަކަ ދެކެވުނެވެ. އެ ރިޕޯޓަށް ފަހު ރެން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން، ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ހައްޔަރުކުރެވިފައިވާކަން އެނގިގެން ދިޔައެވެ.

ތަހުގީގު ނިންމައި ދައުވާކުރުމަށް ފަހު ކޯޓުން ވަނީ ރެން 18 އަހަރަށް ޖަލަށް ލުމަށާއި 4.2 މިލިއަން ޔުއަން( 620،000 ޑޮލަރު) ގެ ޖޫރިމަނާއެއް ވެސް ދެއްކުމަށް ހުކުމް ކޮށްފައެވެ. ބެއިޖިން ނަމްބަރު 2 އިންޓަމެޑިއެޓް ޕީޕަލްސް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ރެން ވަނީ 1.2 މިލިއަން ޔުއަންގެ ރިޝްވަތު ހިފާފައި ކަމަށެވެ. އަދި 50 މިލިއަން ޔުއަން އެމްބަޒަލް ކޮށްފައިވާ ކަމަށާއި، މި ކުށްތަކަށް އޭނާ އަމިއްލައަށް އިއުތިރާފު ވެފައިވާ ކަމަށާއި އަދި އިސްތިއުނާފު ކުރަން ވެސް ބޭނުން ނުވާ ކަމަށް ބުނެފައި ކަމަށް ކޯޓުން ހާމަކޮށްފައިވެއެވެ.

ރެން އަކީ ޗައިނާ ސަރުކާރުގެ އަދަބު ކުރިން ވެސް ލިބިފައި ހުރި މީހެކެވެ. 2016 ވަނަ އަހަރު އޭނާގެ މައިކްރޯ ބްލޮގިން އެކައުންޓުތައް ވެސް ޗައިނާ ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. މި ފިޔަވަޅު ވެސް އަޅާފައިވަނީ ރައީސް ޝީ އަށް ފާޑުކިޔާފައިވަނިކޮށެވެ.