Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޔޫއެފާގެ އެވޯޑަށް ވާދަކުރަނީ ލެވެންޑޯސްކީ، ނޯޔާ އަދި ޑިބްރޭނާ

ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ ޔޫއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިން އިއުލާންކޮށްފިއެވެ.

އެގޮތުން މި މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ބަޔާން މިއުނިކާއެކު ތިން ތަށި ކާމިޔާބުކުރި އެޓީމުގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އާއި އެޓީމުގެ ކީޕަރު މެނުއަލް ނޯޔާގެ އިތުރުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ ކެވިން ޑިބްރޭނާ އެވެ.

މި އެވޯޑު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މިދިޔަ ސީޒަނުގައި ބަޔާން އަށް ޖަރުމަނު ލީގާއި، ޖަރުމަނު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި އެޓީމުގެ ފޯވާޑް ލެވެންޑޯސްކީ އެވެ.

އުމުރުން 32 އަހަރުގެ ލެވެންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި ބަޔާން އަށް ކުޅެދިން 47 މެޗުގައި 55 ގޯލު ކާމިޔާބުކޮށް 10 އެސިސްޓު ހަދާފައެވެ.

ޔޫއެފާގެ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ތިން ފަރާތް ވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ. އެ ފަރާތްތަކަކީ ބަޔާން މިއުނިކްގެ ކޯޗު ހަންސީ ފްލިކް އާއި ޕްރިމިއާ ލީގު ލިވަޕޫލަށް ކާމިޔާބުކޮށްދިން ޔާގަން ކްލޮޕްގެ އިތުރުން ރެޑްބުލް ލީޕްޒިގްގެ ކޯޗު ޖޫލިއަން ނާގަލްސްމަން އެވެ.

ޔޫއެފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ މިދިޔަ ސީޒަނުގެ އަންހެނުންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިޔޯންގެ ދެ ކުޅުންތެރިން ކަމަށްވާ ލޫސީ ބްރޯންޒް އާއި ވެންޑީ ރެނާޑްގެ އިތުރުން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ވުލްފްސްބާގްގެ ކެޕްޓަން ޕެނީލް ހާޑާ އެވެ.

މި އެވޯޑު ލިބޭ ފަރާތްތައް އިއުލާން ކުރާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ބާއްވާ ރަސްމިއްޔާތުގައެވެ.