Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

މައްސަލައެއް އޮތްތޯ ހޭވުމުން ވެސް ފެނުނީ ހުދު ވަލެއް: އުމަރު

ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގެންނަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބެލުމުގެ ތަހުގީގު ކުރިއަށްގެންދާތާ ފަސް އަހަރު ވެފައިވާ ކަމަށާއި އަދި މިހާތަނަށް ފެނިފައިވަނީ ހުދު ވަލެއް އެކަނި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޭސީސީން އެ މައްސަލަ ބަލަން ފެށީ 2017 ވަނަ އަހަރު ކޮމިޝަންްގެ އިސްނެގުމުގެ މަތީންނެވެ. އެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އުމަރު މިއަދު ވިދާޅުވީ މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓް ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ ހަވާލު ކުރެވުނީ ހުޅުވާލެވިފައިވާ ބިޑެއްގައި، އާންމުކޮށް އިޢުލާން ކޮށްގެން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށްވާތީ އާއި ފިނޭންސް މިނިސްޓްރީ އަށް ލިޔެ ހުއްދަ ހޯދައިފައިވާތީ އޮޑިޓަރ ޖެނެރަލްގެ އޯޑިޓް ރިޕޯރޓްގައި އެއްވެސް ކަމެއް ފާހަގަ ކުރައްވާފައި ނުވާ ކަމަށެވެ. އަދި މި ކޮންޓްރެކްޓް ހަވާލު ކުރުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ލިޔެ ލަފައެއް ހޯދުނު އިރު އެފަރާތުންވެސް އެއްވެސް ކަމެއް ފާހަގަ ކުރައްވާފައެއް ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އެ މަސައްކަތް ހަވާލު ކުރެވުނު ދިވެހި ކުންފުންޏަކީ އޭނާގެ ނުވަތަ އޭނާގެ އެއްބަޑު އެއްބަފާ މީހެއްގެ ނުވަތަ އަތްބެއްގެ، ދަރިއެއްގެ ހިއްސާ އެއް ނުވަތަ އެއްވެސް މަސްލަހަތެއް އެއްވެސް ޒަމާނެއްގައި އޮތް ކުންފުންޏެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

"ނަމަވެސް މި މަސައްކަތް ފަށައިގަނެގެން ކުރިއަށް ދަނިކޮށް، ކުށްވެރިންނާ ގުޅުން ހުރި އަމިއްލަ ފަރާތަކުން މި މައްސަލަ ވަނީ އެއިރު އެންޓިކޮރަޕްޝަން އަށް ހުށަހަޅާ އެ ކޮމިޝަން އިން ބައްލަވާފައި. އަނެއްކާ މިހާރުގެ ކޮމިޝަން އިން ދަނީ މި މައްސަލަ އަލުން ބައްލަވަމުން. އެކަމާ ގުޅިގެން އިއްޔެ ވަނީ އަޅުގަނޑާ ސުވާލުކުރައްވާފައި. މި މައްސަލަ ނުނިމި އޮންނަތާ މިހާރު 5 އަހަރު ފުރި 6 ވަނަ އަހަރަށް މިވަނީ އެޅިފައި" އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ ދައުލަތުގެ މުއައްސަސާތަކުން މިފަދަ މައްސަލަތައް ބައްލަވާ ޤާނޫނާ ޚިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުއްވުމަކީ އަބަދުވެސް އެދޭ އަދި ވަކާލާތު ކުރާ ގޮތް ކަމަށާއި އެގޮތުން މި މައްސަލައިގައި ވެސް އޭނާ ކުށެއްކޮށްފައިވާ ނަމަ އަދަބު ދެއްވާ އަދި ކުށެއްކޮށްފައި ނުވާނަމަ އެކަން އިޢުލާން ކޮށްދިނުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުގެ މިނިސްޓަރ ކަމުގެ ދައުރުގައި ޤާނޫނާ ޚިލާފް އެއްވެސް ކަމެއް ހިގާފައިވޭތޯ ބެލުމަށް ވޭތުވި 5 އަހަރު ތެރޭ، ދެ ސަރުކާރަކުން ވަނީ ހާވާ ބައްލަވާފައި. އެ މަސައްކަތައް ފަސް އަހަރު ފުރި ހަ ވަނަ އަހަރަށް އެޅެމުންދާއިރު، 'ހުދު ވަލެއް' ނޫން އެއްޗެއް އަދި ފެނިފައި ނުވާކަން ފާހަގަކުރަން" އުމަރު ވިދާޅުވިއެވެ.

އަދި 2023 ވަނަ އަހަރުގެ އިންތިޚާބު ކައިރިވަމުން އައި ވަރަކަށް މިފަދަ ލަވަތަކުގެ އަޑު ގަދަވެ ގަދަވެ ހުންނާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.