Last Updated: April 26, 10:28
Friday, April 26, 2024
ކުޅިވަރު

އިބްރަހިމޮވިޗް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އޭސީ މިލާނަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ޔޫރޮޕާ ލީގުގަށް ކޮލިފައިވުމަށް މިރޭ މިލާން ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ހެދި ޓެސްޓުންނެވެ. އެހެންކަމުން މިރޭގެ މެޗުގައި އިބްރަހިމޮވިޗް ނުކުޅޭނެއެވެ.

އިބްރަހިމޮވިޗް ފިޔަވައި މިލާންގެ އެހެން ކުޅުންތެރިއަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް އެ ކްލަބުން ހާމަކުރެއެވެ.

މިދިޔަ ޖެނުއަރީގައި އޭސީ މިލާންއާ ގުޅުނު އިބްރަހިމޮވިޗް ވަނީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅެދިން 20 މެޗުގައި 11 ގޯލު ކާމިޔާބުކޮށް ފަސް އެސިސްޓު ހަދާފައެވެ. މިލާން މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ނިންމީ ހަވަނައިގައި އޮވެއެވެ.

އިބްރަހިމޮވިޗް ވަނީ މި ސީޒަނުގެ ނިޔަލަށް މިލާންގައި މަޑުކުރުމަށް ނިންމައި ދާދިފަހުން ކޮންޓްރެކްޓު ވެސް އާކޮށްފައެވެ.