Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ޔޫއެފާ ސުޕަ ކަޕް ބަޔާން އިން ކާމިޔާބުކޮށްފި

2-1 އިން ސެވިއްޔާ ބަލިކުރުމަށްފަހު ޔޫއެފާ ސުޕަ ކަޕް ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައިި ރޭ ކުޅުނު ޔޫރަޕްގެ ސީޒަން ހުޅުވާ މެޗަށް ބަޔާން ނުކުތީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. ސެވިއްޔާ ނިކުތީ ޔޫރަޕްގެ ދެވަނަ ފަންތީގެ ޔުރޮޕާ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 13 ވަނަ މިނެޓްގައި ސެވިއްޔާ އަށް ލިބުނު ޕެނަލްޓީ އަކުން ލޫކަސް އޮކަމްޕޮސް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލާއެކު ބަޔާން އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ ސެވިއްޔާގެ ގޯލަށް ފުލުފުލުގައި ހަމަލާތައް ފޮނުވާލަމުންނެވެ.

ނަތީޖާއެއްގެ ގޮތުން ލެވެންޑޯސްކީ ދިން ޕާހަކުން މެޗުގެ 34 ވަނަ މިނެޓްގައި ގޮރެޓްޒްކާ ވަނީ ބަޔާން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސް ބަޔާން އަށް ވަނީ ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ހާފްގެ ފަހު ފަސް މިނެޓްތެރޭ ސެވިއްޔާގެ ނަސީރީ އަށެވެ. ނަމަވެސް މުޅިން ހުހަށް ހުރެ ނަސީރީ ފޮނުވާލި އެ ހަމަލާ ބަޔާންގެ ކީޕަރު ނޯޔާ ވަނީ ދިފާއުކޮށްފައެވެ.

90 މިނެޓް ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ދެން ނަތީޖާ ނެރުމަށް ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން އެ ދެ ހާފްގެ ތެރެއިން ދެވަނަ ހާފްގައި ހަވީ މާޓިނޭޒް ވަނީ ބަޔާންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ސުޕަ ކަޕް ކަށަވަރުކޮށްދީފައެވެ.

މިއީ ބަޔާންގެ ތާރީހުގައި އެޓީމުން ސުޕަ ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެންމެފަހުން މި ތަށި އެޓީމުން ކާމިޔާބުކުރީ 2013 ވަނަ އަހަރުއެވެ.