Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އައްޑޫ އެއާޕޯޓު: އާ އެމްޑީ އާއި އެކު އާ ތަސައްވުރެއް!

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އެމްޑީ ގައިސް ނަސީރު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އައްޑޫގެ އިތުރުން މުޅި ދެކުނުގެ ތަރައްޤީ އާއި ގުޅިފައިވާ މައި ދޮރާށިއެވެ. ނަމުން "އިންޓަނޭޝަނަލް" ވިޔަސް ގަން އެއާޕޯޓުގެ މައިގަނޑު ދަތުރުތައް ބިނާވެފައިވަނީ ޑޮމެސްޓިކު ދަތުރުތަކަށެވެ. 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން ޖައްސާއިރު އެއީ މިހާތަނަށް ގަމަށް އަންނަ ހަމައެކަނި ޝެޑިއުލް އިންޓަނޭޝަނަލް ފްލައިޓެވެ.

ދޭތެރެއަކުން ޗާޓަރު ފުލައިޓެއް ޖެއްސި ނަމަވެސް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި މިހާތަނަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގިފައި ނުވެއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ދެކުނު ތަރައްޤީގެ ނާރެހެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ހުރި ހުރަސްތައް ނައްތާދީފައެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ ހިއްސާއަށް ބަދަލު ގެނެސް ކުންފުނި ހިންގުމަށް މިވަނީ ފަސޭހަކޮށްދީފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކު ނެތި ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް ކުންފުނީގެ އެމްޑީގެ މަގާމަށް ގައިސް ނަސީރު މިދިޔަ އަހަރު ޑިސެމްބަރު ހަމަޖެއްސަފާއެވެ. އެއާ އެކު ގައިސްގެ އަމާޒަކަށްވީ ދެކުނުގެ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގައި އެތަނުން ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށެވެ.

އައްޑޫއެއާޕޯޓުގެ އާ ތަސައްވަރާއި، މަސައްކަތްތަކާއި ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު "އައްޑޫލައިވް"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގައިސުވަނީ އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ. އެގޮތުން ކުޑަ ހަރަދަކުން ފަށައިގަނެ، ހިދްމަތްތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ގައިސު ވިދާޅުވިއެވެ.

"އަޅުނޑު ރަސްމީކޮށް ހަވާލުވީ މިއަހަރު ޖެނުއަރީ 5 ވަނަ ދުވަހު، އެއާއި އެކު ބެލީ ކުންފުނީގެ ހާލަތު، އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ހިދްމަތްދޭން ބޭނުންވާ ގިނަ ވަސީލަތްތައް ގަމުގައި ނެތްކަން، އެހެންވެ އެގޮތުން ވަގުތުން ވަގުތަށް ބޭނުންވާ ބައެއް ސާމާނު މިހާރުވެސް މިވަނީ ގެނެވިފައި"

ގައިސް ވިދާޅުވީ 2016 ވަނަ އަހަރު އެއާޕޯޓްގެ ތަރައްގީގެ ބޮޑު ޕްރޮޖެކްޓެއް ނިމިފައިވި ނަމަވެސް އެއާޕޯޓްގެ ހިންގުމަށް ބޭނުންވާ ގްރައުންޑް ހޭންޑްލިން އިކުއިޕްމަންޓްތަކާއި، ފަޔާ ސްޓޭޝަން އަދި އެއާ ޓްރެފިކް ކޮންޓްރޯލް(އޭޓީސީ) އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. އަދި ރަންވޭއަށްވެސް ކުދި ކުދި ބަދަލުތަކެއް މިހާރުން މިހާރަށްވެސް ގެންނަން ޖެހޭ ކަމަށެވެ. އެހެންވެ އެންމެ ހާއްސަ އިސްކަމެއްގެ ގޮތުގައި ފަޔާ ސްޓޭޝަން އަދި އޭޓީސީ އަޕްގްރޭޑު ކުރުން ހިމެނޭ ކަމަށެވެ.

" އެއާޕޯޓު ތަރައްޤީއަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އެއާޕޯޓު ތަރައްޤީ ކުރާއިރު މިހާރުގެ އޭޓީސީ ހުރި އިމާރާތާއި، ފަޔާ ސްޓޭޝަން އެހެންތަނަކަށް ބަދަލު ކުރަން ޖެހޭކަން އެހެންވެ އެއާޕޯޓު މިހާރު ތަރައްޤީ ކުރާއިރު އެ ދެތަން ރަންވޭގެ ހުޅަނގު ފަރާތަށް ބަދަލު ކުރެވިގެންދާނެ"

މީގެ އިތުރުން ކުންފުނިން މިހާރު އެންމެ ހާއްސަ އެއްް މަސައްކަތެއްގެ ގޮތުގައި ކުރަމުންދަނީ ގަން އެއާޕޯޓު އަޔާޓާ ސޭފްޓީ އޮޑިޓް ފޯ ގްރައުންޑް އޮޕަރޭޝަންސް (އައިސާގޯ) ގެ ސެޓްފައިޑު ތަނަކަށް ހެދުމަށެވެ.

"އެއާޕޯޓުގެ ތަރައްޤީއަށް ބަލާއިރު އެއަޕޯޓު އެބަޖެހޭ އަޔާޓާ ސޭފްޓީ އޮޑިޓް ފޯ ގްރައުންޑް އޮޕަރޭޝަންސް(އައިސާގޯ) ރެޖިސްޓާ ވެފައިވާ އެއާޕޯޓެއްގައި ގޮތުގައި ހަދަން، އެއީ އޭގެ ސަބަބުން ގިނަ އެއާލައިންތަކަށް މިތަނަށް އައުމަށް އެބަ ފަސޭަވެގެންދޭ، އެހެންނޫނީ މިޖެހެނީ އެއާލައިންތަކުން ބޮޑު ހަރަދެއްކޮށް އޮޑިޓަރުން ގެނެސް މިތަނުގައި ހުރި ހިދްމަތްތައް ބަލަން، އެއީ ވަރަށް ބޮޑު ހަރަދެއް އެއާލައިންތަކުންދާ ކަމެއް އަދި ގިނަ ވަގުތު ނަގާކަމެއް، އެހެންވެ އައިސާގޯ ސެޓިފައި ކުރުމުން މި ހަރަދު އެއާލައިންތަކުން ކުޑަކުރެވޭ، އަދި ފަސޭހައިން ދަތުރުތައް ފެށޭ، އޭގެ ސަބަބުން ގަމަށް އެއާލައިންތައް އައުމަށް އޮތް ހުރަސްތަކުގެ ބޮޑުބައި ހައްލުވާނެ" ގައިސު ވިދާޅުވިއެވެ.

ގައިސް ވިދާޅުވީ ކޮންސަލްޓެންޓަކާއެކު އެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރު މޭ މަހާއި ހަމައަށް ހުރިހާކަމެއް ނިމޭނެ ކަމަށް ގަބޫލު ކުރެއްވޭކަމަށް ގައިސް ވިދާޅުވިއެވެ.

"މިއީވެސް ވަރަށް ބޮޑު މަސައްކަތައް، އެކަމަކު މިކަމެއް ނުފެންނާނެ، މީގެތެރެއިން މުވައްޒަފުން ތަމްރީނު ކުރެވި، އެއާޕޯޓުގެ ހިންގުމުގެ ކަންކަމަށް ބަދަލުތައް އަންނާނެ، އެހެންވެ މިއީވެސް މުހިއްމު މަސައްކަތެއް"

އައްޑޫ އެއާޕޯޓުގައި ކުރުމަށް ނިންމާފައިވާ ބައެއް ކަންކަން

ގައިސް ވިދާޅުވީ ކުންފުނީގެ ވިސްނުން ހުރީ ވީއެންމެ އަވަހަކަށް އެއާޕޯޓަށް ފްލައިޓުތައް ގެނެސް ވިޔަފާރި އިތުރަށް ވަރުގަދަ ކުރުމަށެވެ. އެގޮތުން ކޮވިޑު-19 އާއި ގުޅިގެން ހުއްޓިފައިވާ ފަތުރުވެރިކަން އަލުން ފަށާއިރު ގަން އެއާޕޯޓު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ގައިސު ވިދާޅުވިއެވެ.

"17 މިލިއަން ޑޮލަރުގެ ވާހަކަ އިވުމުން ބައެއް ފަރާތްތަކުން އެއަދަދު މަދުކަމަށް ވާހަކަ އެބަދައްކާ، ރަނގަޅު ވާހަކައެެއް، 17 މިލިއަން ޑޮލަރަކީ އެހެން އެއާޕޯޓުތަކަށް ކުރާ ހަރަދާއި ބަލާއިރު ކުޑަ އަދަދެއް، އެކަމަކު އަޅުގަނޑުމެންގެ ވިސްނުނުން ހުރީ ހިދްމަތް ދިނުމަށް ހުރި ހުރަސްތަކަށް ފޯކަސްކޮށް، ފަށައިގަތުމަށް، އެގޮތުން ކުންފުނިން ނިންމީ، މިހާރު ހުރި ޓާމިނަލް އިންޓަނޭޝަނަލް ޓާމިނަލްއަކަށް އަޕްގްރޭޑު ކުރަން، އަދި އިތުރު ޑޮމެސްޓިކު ޓާމިނަލްއެެއް ހަދަން، މީގެ އިތުރުން ބައެއް މުހިއްމު ވެހިކަލްތައް ގަތުމަށް"

ގައިސް ވިދާޅުވިއެވެ.

ގައިސު ވިދާޅުވީ ގަމާއި ހުވަދޫ އާއި ދެމެދު ސީޕްލޭންގެ އޮޕަރެޝަން ފެށުމަށް މިހާރު މޯލްޑިވިއަން އާއި އެކު އެއްބަސްވުމަކާއި ހަމައަށް އާދެެވިފައިވާ ކަމަށެވެ. އެހެން ކަމުން ރިސޯޓު އޮޕަރޭޝަން ފެށުމާއި އެކު އައްޑޫ އާއި ހުވަދޫ ދެމެދު ސީޕްލޭން އިން ގުޅިގެންދާނެކަމަށެވެ.

މީގެއިތުރުން ކުރިންވެސް ވިސްނިގޮތަށް ގަމުގައި ޓްރާންސިޓު ހޮޓަލަކާއި އެކު އިތުރު ހޮޓަލެއް ހެދުމުގެ މަސައްކަތް ވަނީ އާ އެއާޕޯޓު ތަރައްޤީގެ ޕްލޭންގައި ހިމަނާފައެވެ.

"ގަމުގައި ޓްރާންސިޓު ހޮޓަލެއްގެ ގޮތުގައި ހިންގުމަށް މިހާރު ދޫގަސް މިވަނީ ލިބިފައި، ސަރުކާރުން މިހާރު މިވަނީ ލޯން ދައްކަން ނުޖެހޭ ގޮތަށް ދޫގަސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ނިންމާފައި، އެތަނުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ، މިހާރު މަޑުކޮށްގެން މިތިބީ އެތަން ކޮވިޑު ފެސިލިޓީއަކަށް ބޭނުން ކުރާތީ"

ދޫގަސްގެ އިތުރުން ގަމުގައި ހިންގަމުން އަންނަ އިކުއޭޓަރ ވިލެޖުގެ އިމުން ފެށިގެން މިހާރުގެ ސައުތުލޭންޑު ރެސްޓޯރެންޓު ހުރި ހިސާބަށް އިތުރު 300 އެނދުގެ ހޮޓަލެއް ހެދުމަށްވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން އިނގިރޭސިން ބޭނުން ކުރި ބޮޑު ފާލަމާއި އެކު ޔޮޓްމެރީނާ ހިމެނޭ ގޮތަށް އެސަރަހައްދު ތަރައްޤީ ކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަމަށް ގައިސު ވިދާޅުވިއެވެ.

ގައިސު ވިދާޅުވީ ރާއްޖޭގައި ފައްކާ ވަމުން އަންނަ ކްރޫޒް ލައިން ޓޫރިޒަމް ވެސް އައްޑުއަށް ތައާރަފް ކުރަން އެއާޕޯޓުން ވަނީ މަޝްވަރާ ފަށާފައެވެ. އަހަރެއްގެ މައްޗަށް 50-40 ކްރޫޒް ޝިޕް ރާއްޖެ އަންނައިރު މި ބޯޓުތައް އައްޑުއަށް ކައިރި ކުރެވޭނެ ގޮތަށް ގަމުގެ ބޮޑު ފާލަން ބަދަލުކުރަން މަޝްވަރާކޮށް ހިނގާނެ ޚަރަދުތައް ދިރާސާ މިހާރު ފަށާފައިވާކަމަށް ގައިސު ވިދާޅުވިއެވެ.

* ސިޓީ ހޮޓެލް: ގަމުގައި ދެ ހޮޓެލް އެޅުމުގެ ޕްލޭނެއް ކުރިއަށް ގެންދެވޭ. އެއީ މިހާރު ހުރި ދޫގަސް އިމާރާތް އަދި ބޮޑު ފާލަން ކައިރިން ކަސްޓަމްސް ބިލްޑިންގ ސަރަހައްދުގައި މެރީނާ އެއް އެޅުން.

* އާ ޑޮމެސްޓިކް ޓާމިނަލް: މިހާރުގެ ކާރު ޕާކް ޑޮމެސްޓިކް ޓާމިނަލް އަށް ބަދަލުކުރުން.

* ފަޔާ ސްޓޭޝަނާއި އޭޓީސީ ބަދަލުކުރުން: އެއާޕޯޓުގެ އެޕްރަން ބޮޑު ކުރުމަށް ފަޔާ ސްޓޭޝަނާއި އެއާ ޓްރެފިކް ކޮންޓްރޯލް ހުރިތަން ބަދަލުކުރެވޭނެ.

* އިރުމަތީ ސަރަހައްދު ކޮމާޝަލް ސަރަހައްދަށް ބަދަލުކުރުން: ގަމުގެ ހުޅަނގު ސަރަހައްދު ކޮމާޝަލް ސަރަހައްދަށް ބަދަލުކޮށް އެއާޕޯޓަށް އިތުރު އާމްދަނީ ލިބޭ ގޮތަށް ހެދުން.

ގައިސު ވިދާޅުވީ އައްޑޫ އެއާޕޯޓުގެ ތަރައްޤީ އަށް ބޮޑަށް ވިސްނާފައިވަނީ ބޮޑު އިމާރާތަކަށް ދިއުމަށް ނޫންކަމަށެވެ. ނަމަވެސް މި ސަަރަހައްދުގެ ޓޫރިޒަމް ތަރައްޤީވަމުން އަންނަ ނިސްބަތުން އެއާޕޯޓުގެ ތަރައްޤީ ކުރާ ގޮތަށް ކަމަށެވެ.

"ސަރުކާރުގެ ވައުދެއް އައްޑޫ، ފުވައްމުލައް، އަދި ހުވަދޫގައި 17،000 އެނދު ގާއިމް ކުރުން، އެކަން ގުޅިފައިމިވަނީ އައްޑޫ އެއާޕޯޓުގެ ތަރައްޤީ އާއި، އެހެންވެ މި ބަލަނީ ގަމަށް އެއާލައިން ގެނެވޭނެ މަގެއް، އެކަން ކުރެވިގެން މި ސަރަހައްދު ތަރައްޤީ ކުރެވޭނީ"

އައްޑޫ އެއާޕޯޓު ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެކުންފުނީގައި ކުރިން އޮތް އެމްއޭސީއެލްގެ ހިއްސާ އެކުންފުނިން ވަނީ ސަރުކާރަށް ދޫކޮށްލާފައެވެ. މީގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގައި އޮތް އެސްޓިއޯގެ ހިއްސާވެސް ވަނީ ސަރުކާރަށް ދޫކޮށްލާފައެވެ. އެހެންވެ މިހާރު އޭއައިއޭގެ ހިއްސާ އަކީ ދިވެހި ސަރުކާރުގެ 70 ޕަސެންޓު ހިއްސާ އާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ އަފީފުގެ ހިއްސާ އޮންނަ ކާސާ މޯލްޑިވްސްގެ 30 އިން ސައްތަ ހިއްސާއެވެ.