އައްޑޫގެ ޒުވާނުންތަކެއްގެ އިސްނެގުމާއެކު ހިތަދޫގެ ބާސްކެޓް ކޯޓަށް ތަފާތު ކަމެއް ގެނެސް ޒަމާނީކޮށްފިއެވެ.
އެގޮތުން ހިތަދޫގެ ސްޓޭޑިއަމް ބާސްކެޓް ކޯޓުގައި މިހާރު ވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަށް ދަންނަވައިގެން ލައިޓު ޖަހައި ކުލަ ލައި ނިންމާފައެވެ. އެގޮތުން މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ ބާސްކެޓް ކުޅުމަށް ޝައުގުވެރިކަން ހުރި ހިތަދޫގެ ޒުވާނުންނެވެ.
ބާސްކެޓް ކޯޓަށް ގެނައި ތަފާތު ކަމާއެކު އެ ކޯޓު ހުޅުވުމުގެ ގޮތުން މިރޭ މެޗެއް ވެސް ކުޅުމަށް ވަނީ ހަމަޖައްސާފައެވެ.
ބާސްކެޓަކީ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރެއް ކަމަށްވާއިރު، ބާސްކެޓް ސްޓާސް އެކެޑެމީއިން އިންތިޒާމު ކޮށްގެން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދީންނަށް ހާއްސަކޮށްގެން ބާސްކެޓް ކުޅުންތެރިން ތަމްރީނު ކުުރުމުގެ ޕްރޮގްރާމްތަކެއް މިދިޔަ އަހަރުން ފެށިގެން ބާއްވަމުންނެވެ.
ބާސްކެޓް ސްޓާސް އެކެޑަމީ އަކީ 2015 ވަނަ އަހަރު ހުޅުމާލޭގައި އުފެދިގެން އައި އެކެޑެމީއެކެވެ. އެ އެކެޑެމީގައި މިހާރު 350 ކުދިން ރެޖިސްޓްރީ ކުރެވި ތަމްރީން ހޯދަމުން އަންނައިރު މި އެކެޑެމީގައި ތަމްރީން ދެނީ ހަ އަހަރާއި 16 އަހަރުގެ އުމުރުފުރާގެ ކުދިންނަށެވެ.