Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ސުއަރޭޒް ބޭރުކޮށްލުމުން މެސީގެ ނުރުހުން ބާސާގެ ބޯޑަށް

ބާސެލޯނާ އިން ލުއިސް ސުއަރޭޒްއާ މެދު ކަންކުރި ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ ކްލަބުގެ ބޯޑަށް ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ނުރުހުން އަމާޒުކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒް ބާސާގައި މަޑުކުރަން ބޭނުންވި ނަމަވެސް އެ ކްލަބުގެ އާ ކޯޗު ރޮނަލްޑް ކޫމަން ވަނީ އޭނާގެ ޕްލޭންތަކުގައި ސުއަރޭޒް ނުހިމޭނެކަން އަންގާފައެވެ. އެއާއެކު ސުއަރޭޒް މިހާރު ވަނީ ބާސާއާ ވާދަވެރި އެތްލެޓިކޯ މެޑްރިޑަށް ބަދަލުވެފައެވެ.

ސުއަރޭޒް އާއި ގާތް ގުޅުމެއް އޮންނަ މެސީ މިއަދު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ ސުއަރޭޒް އެހެން ކްލަބެއްގެ ޖޯޒީގައި އަދި އޭނާއާ ދެކޮޅަށް ކުޅުން ވެސް ވަނީ މުޅިން ތަފާތު ކަމަކަށް ކަމަށެވެ. ސުއަރޭޒް އަކީ ބާސާގެ ތާރީހުގައި ވެސް މުހިއްމު ކުޅުންތެރިއެއްކަން ފާހަގަކޮށް މެސީ ވަނީ ބާސާ އިން ސުއަރޭޒް ބޭރުކޮށްލި ގޮތަކީ އެއްގޮތަކަށް ވެސް އޭނާ އަށް ހައްގުވާ ގޮތް ނޫން ކަމަށްވެސް ބުނެފައެވެ.

"ތިއީ މި ކްލަބުގެ ތާރީހުގެ މުހިއްމު ކުޅުންތެރިއެއް. ޓީމާއެކު ވެސް އަދި އިންޑިވިޖުއަލީ ވެސް މުހިއްމު ކާމިޔާބީތަކެއް ހޯދި ކުޅުންތެރިއެއް. އެމީހުން (ބާސާގެ ބޯޑު) ކަންކުރި ގޮތަކީ އެއްގޮތަކަށް ވެސް ސުއަރޭޒް އަށް ހައްގުވާ ގޮތެއް ނޫން. އެކަމަކު ހަގީގަތަކީ މިހާރު އެމީހުން ކުރާ ކަންތައްތަކުން އަހަރެން އިތުރަކަށް ހައިރާނެއް ނުވޭ" ބާސާގެ ބޯޑަށް ނުރުހުން އަމާޒު ކުރަމުން މެސީ ބުނެފައިވެއެވެ.

މި ޓްރާންސްފާ މާކެޓުގައި ބާސާ ދޫކޮށްލަން މެސީ މަސައްކަތް ކުރި ނަމަވެސް އެކަމަށް ބާސާގެ ބޯޑުން ވަނީ ހުރަސް އަޅާފައެވެ. އެއާއެކު މެސީ އެ ކްލަބުގައި މަޑުކުރަން ނިންމިއިރު މި ސީޒަނަށްފަހު ބާސާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެއެވެ.

ސުއަރޭޒްގެ އިތުރުން ބާސާ އިން ދާދިފަހުން އެ ކްލަބަށް ކުޅެމުން އައި ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އާއި ޕޯޗުގަލްގެ ޑިފެންޑަރު ނެލްސަން ސެމޭޑޯ ވެސް ދޫކޮށްލާފައެވެ.