ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓު ލުން އޮންނަ އިރު އެމްޑީޕީއަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ތާޢީދު ކުރައްވާ ހުރިހާ ފަރާތްތަކުން ވެސް އެ ދުވަހު ހަމައެކަނި ވޯޓު ލުމަށް އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދީ ވީހާ ވެސް އަވަހަަކަށް ވޯޓު ލައި ނިންމުމަށް އެމްޑީޕީން އިލްތިމާސްކޮށްފި އެވެ.
"ވޯޓުލާ ދުވަހު އެމްޑީޕީ އާ އިދިކޮޅު ފަރާތްތަކުން ހިންގަފާނެ ކަމަށް އަޑު އަރައިފައިވާ އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް އެއްވެސް ގޮތަކުން ރައްދެއް ނުދެއްވުމަށާއި، ހަމަ އެކަނި ވޯޓު ލެއްވުމުގައި ޝާމިލުވެވަޑައިގެން އުޅުއްވުމަށާއި، ރައީސް ނަޝީދަށާއި އެމްޑީޕީ އަށް ތާޢީދު ކުރައްވާ އެއްވެސް ފަރާތެއްގެ ވޯޓު ލުމުގެ ޙައްޤު ގެއްލިދާ ގޮތަށް ފުލުހުން އެ ދުވަހު އެއްވެސް ފަރާތެއް ހިފާ ހައްޔަރުކޮށް އެމްޑީޕީ އަށް ލިބެން އޮންނަ އެއްވެސް ވޯޓަކަށް އުނި ކަމެއް ގެނައުމަށް އެއްވެސް މިންވަރެއްގެ ޖާގައެއް ނުދެއްވުމަށް މި ޕާޓީން އިލްތިމާސްކޮށް ބާރު އަޅަމެވެ." އެމްޑީޕީން ނެރުނު ބަޔާނެއްގައިވެ އެވެ. "އަދި އަބަދުވެސް އެމްޑީޕީއަށް ތާޢިދު ކުރައްވާ ފަރާތްތަކުން އަމަލު ކުރައްވާ ފަދައިން، މި އިންތިޚާބު ވެސް އަމާންކަމާއި، އޮމާންކަމާ އެކު ނިންމުމަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދެއްވުމަށް މި ޕާޓީން އިލްތިމާސް ކުރަމެވެ."