Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ފަހު ވަގުތު ފާނަންޑޭސް ޔުނައިޓެޑް މޮޅުކޮށްދީފި

ފަހު ވަގުތު ބްރޫނޯ ފާނަންޑޭސް ކާމިޔާބުކުރި ގޯލުން 3-2 އިން ބްރައިޓަންގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

މިއީ ލީގުގައި ޔުނައިޓެޑުން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު މިއީ އެޓީމުން ހޯދި ފުރަތަމަ މޮޅެވެ. ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވަނީ ކްރިސްޓަލް ޕެލެސް އަތުން 3-1 އިން ބަލިވެފައެވެ. މިއީ ބްރައިޓަން އިން ލީގުގައި ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު އެ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން އެޓީމު ވަނީ މޮޅުވެފައެވެ.

ބްރައިޓަންގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ 40 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ނީލް މައުޕޭ ވަނީ ބްރައިޓަން އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރިއިރު މި ގޯލަކީ ބްރައިޓަންގެ ޑިފެންޑަރު ޑަންކް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 55 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ބްރައިޓަން އިން ނަތީޖާ އެއްވަރުކުރުމަށް ދިޔައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޓީމުން ފޮނުވާލި ބައެއް ހަމަލާތައް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެއެވެ.

އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 90 ވަނަ މިނެޓްގައި މާޗް ވަނީ ބްރައިޓަން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ނަތީޖާއާއެކު މެޗު ނިމެންދަނިކޮށް މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ޔުނައިޓެޑަށް ލިބުނީ މެޗުގެ ކުޅުން ނިންމާލި ފަހުން ނަމަވެސް ރެފްރީ ވަނީ ވީޑިއޯ މޮނީޓަރުން ބެލުމަށްފަހު އަލުން ކުޅުން ކުރިއަށް ގެންދަން ނިންމައި އެޓީމަށް ޕެނަލްޓީ އެއް ދިނުމަށް ނިންމާފައެވެ.

އެގޮތުން މި ޕެނަލްޓީ ކާމިޔާބުކޮށް ޔުނައިޓެޑަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ފާނަންޑޭސް އެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ޓޮޓެންހަމް އާއެވެ. ބްރައިޓަން ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.