ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ޓެމީ އަބްރަހަމް ކާމިޔާބުކުރި ގޯލުން ޗެލްސީ އާއި ވެސްޓްބްރޮމް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
މިއީ ޗެލްސީން ލީގުގައި ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު، އޭގެތެރެއިން އެޓީމު އެއް މެޗުން މޮޅުވެ އަނެއް މެޗުން ވަނީ ބަލިވެފައެވެ. އަދި ވެސްޓްބްރޮމް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފައެވެ.
ވެސްޓްބްރޮމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި ރޮބިންސަން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ނަތީޖާ އެއްވަރުކޮށްލަން ޗެލްސީގެ ދެ ފޯވާޑުން ކަމަށްވާ އަބްރަހަމް އާއި ޓިމޯ ވާނާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
އެ ފުރުސަތުތަކުގެ ބޭނުން ޗެލްސީ އަށް ނުހިފުނުއިރު އެޓީމުގެ ކެޕްޓަންކަން ރޭ ކުރި ތިއާގޯ ސިލްވާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 25 ވަނަ މިނެޓްގައި ރޮބިންސަން ވަނީ ވެސްޓްބްރޮމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓްފަހުން ބާޓްލީ ވަނީ ވެސްޓްބްރޮމްގެ ތިންވަނަ ގޯލު ކާމިޔާބުކޮށް އެޓީމު ސިއްސުވާލާފައެވެ.
ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ވެސްޓްބްރޮމް އިން ނިންމާލިއިރު މެޗުގެ 55 ވަނަ މިނެޓްގައި މޭސަން މައުންޓު ވަނީ ޗެލްސީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ދެވަނަ ހާފްގައި ކުޅެން އެރި ހަޑްސަން އޮޑޯއި މެޗުގެ 70 ވަނަ މިނެޓްގައި ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އަބްރަހަމް އެވެ.
ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ. ވެސްޓްބްރޮމް ނިކުންނާނީ ސައުތްހެމްޓަންއާ ދެކޮޅަށެވެ.