Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ރާމޯސްގެ ޕެނަލްޓީން ރެއާލް މޮޅުވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސްއާ ބައްދަލުކުރި މެޗު 3-2 އިން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

މިއީ ރެއާލް އިން ލީގުގައި ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ފުރަތަމަ މެޗުގައި އެޓީމު ވަނީ ރެއާލް ސޮސިއެޑާޑްއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. ރެއާލް އަކީ މިދިޔަ ސީޒަނުގެ ލީގުގެ ޗެމްޕިއަނުންނެވެ.

ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި ވަލްވާޑޭ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓްގައި މާންޑީ ބެޓިސް އަށް ނަތީޖާ އެއްވަރުކޮށްދިންއިރު އޭގެ ދެ މިނެޓް ފަހުން ވިލިއަމް ކަވާލޯ ވަނީ ބެޓިސް އަށް ލީޑު ނަގާދީފައެވެ.

ބެޓިސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ރެއާލް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ރެއާލްގެ މި ގޯލަކީ ބެޓިސްގެ އެމަސަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގެ 67 ވަނަ މިނެޓްގައި އެމަސަން އަށް ދެއްކި ރަތްކާޑާއެކު ބެޓިސް އިން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކުއެވެ. އެމަސަން އަށް ރަތްކާޑު ދެއްކީ ރެއާލްގެ މޮޑްރިޗަށް ކުރި ފައުލަކާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ބެޓިސްގެ މައްޗަށް ރެއާލް އިން ކުރި ހޯދި ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މި ޕެނަލްޓީ ރެއާލް އަށް ލިބުނީ ބެޓިސްގެ ޑިފެންޑަރު ބާޓްރާ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

ރެއާލް ރޭ މޮޅުވިއިރު ލީގުގެ ދެވަނަ މިދިޔަ ސީޒަނުގައި ހޯދި ބާސެލޯނާ އިން ލީގުގެ ފުރަތަމަ މެޗުގައި މިރޭ ވިޔަރެއާލްއާ ދެކޮޅަށް ނިކުންނާނެއެވެ.