Last Updated: May 4, 13:11
Saturday, May 4, 2024
ރިޕޯޓް

ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ދާންވީ ތިމާވެއްޓާ ރަށްޓެހި ދިވެހިންގެ ސާދާ ސަގާފަތަށް!

ފުށިފަރު ރިސޯޓުގައި ސަގާފީ ގޮތަކަށް މިނިވަން ދުވަސް ފާހަގަކުރަނީ: ފޮޓޯ - ފުށިފަރު ރިސޯޓު/ސިލްވާލިންކްސް

މިއަދު ފާހަގަކުރަމުންދާ ބައިނަލް އަޤުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ފަތުރުވެރިކަމާއި ރަށްފުށުގެ ތަރައްގީއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ އުމްރާނީ ތަރައްގީގެ ސަބަބުން މުޅި ދުނިޔެއާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް ރަށްފުށުގެ ސާދާ ސަގާފަތް ފަތުރުވެރިކަމުގެ ދާއިރާއަށް ގެނައުމަށް އދ. ގެ ފަތުރުވެރިކަމާ ބެހޭ އިދާރާއިން ކަނޑައެޅި ޝިޢާރެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ ދިވެހި ރާއްޖެއާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ޝިއާރެކެވެ. 1972 ވަނަ އަހަރު ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްވެ، ފާއިތުވެދިޔަ 48 އަހަރު ދިވެހި ވިޔަފާރިވެރިން ވަނީ މިދާއިރާ ރާއްޖޭގައި ފައްކާ ކޮށްފައެވެ.

މި ފަންސާސް ވަރަކަށް އަހަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑުބައި ބިނާ ވެފައިވަނީ ރާއްޖެއަށް ގުދުރަތީ ގޮތުން ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމަށްވާ ޖަޒީރާ ރަށްތަކާއި ފަޅުތައް އޭގެ އެންމެ ރީތި ކަމުގައި އިޝްތިހާރުކޮށް ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

ތަފާސް ހިސާބު ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު 132 ރިސޯޓު އެބަ އޮތެވެ. މިރިސޯޓުތަކަކީ މުޅިންވެސް ފަޅު ރަށްތަކުގައި އެޅިފައި ހުރި ރިސޯޓުތަކެވެ. އަދި މިތަންތަން ފަތުރުވެރިންނަށް "ޗާލު" ކުރުމަށް ކޮންމެ އަހަރަކުވެސް އެހެން ރަށްތަކުގެ ފަޅުތަކުން ވެލި ނަގައި ރިސޯޓުތަކުގެ ގޮނޑުދޮށްތަކަށް އަޅާ މައްސަލަ ބައެއް މީހުން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކުރެއެވެ.

އަދި އާ ރިސޯޓުތައް ހެދުމަށް އެތައް ރަށެއް ހިއްކައި ގުދުރަތީ ގޮތުން ހެދިފައިވާ ފަޅުތަކާއި ފަރުތައް ހަލާކުވެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަކީ ހިތާމަވެރި ކަމެކެވެ. ފަޅުތަކާއި ފަރުތަކަށް ލިބޭ ގެއްލުންތަކަކީ މަދު ފައިސާ ކޮޅެއްގެ ބޭނުމުގައި ނަމަވެސް ގައުމާއި ދިވެހިންނަށް ލިބޭ އަގުނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެކެވެ.

މީގެ އިތުރުން ރިސޯޓުތައް ފެހިކުރުމަށް މީހުން ދިރިއުޅޭ ރަށްތަކުން އެއް ފަހަރާ ގިނަ އަދަދަކަށް ރުށް ނެގުމުގެ މައްސަލަ ވެސް ރާއްޖޭގައި ވަނީ ބޮޑުވެފައެވެ. ރިސޯޓުތައް ތަރައްގީ ކުރުމުގައި ދިވެހިންގެ ތިމާވެއްޓަށް ގެއްލުން ދިނުން ހުއްޓުވުމަށް، ފަތުރުވެރިކަމުގެ ދުވަހު ސަރުކާރުން ސިޔާސަތުތައް ބައްޓަން ކުރުން މުހިންމެވެ.

އެހެންކަމުން، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރާ ގުޅޭގޮތަށް، ދިވެހި ސަރުކާރުން ވެސް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭ ގޮތަކަށް ފަޅު ރަށްތައް ދޫކޮށްފައިވާ ފަރާތްތަކަށް ބާރު އެޅުމަކީ މުހިންމު ކަމެކެވެ.

މިސަރުކާރުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ޖަޒީރާ ނޫ އިގްތިސޯދެއް ބިނާކުރުމަށް ކަނޑައަޅާފައިވާއިރު ސަރުކާރުގެ ސިޔާސަތުތައް ވައުދު ފުއްދުމަށް ބަދަލުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރާ ގުޅޭ ގޮތަށް ރަށްފުށުގެ ތަރައްގީއަށް ދިވެހި ފަތުރުވެރިކަން ބަދަލުކޮށް، ދިވެހިންގެ ސާދާ ސަގާފަތް ދައްކުވައިދޭ ފަތުރުވެރިކަން ރާއްޖޭގައި އާލާކޮށް ފަތުރުވެރިންނަށް އެ މަންޒަރު އިޝްތިހާރުކޮށް އޭގެ ފައިދާ ހޯދުމުގެ ސިޔާސަތެއް ގާއިމްކޮށް ދިވެހިންނަށް ގުދުރަތީ ގޮތުން ލިބިފައިވާ މިއަގުބޮޑު ނިއުމަތް ހިމާޔަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ.