Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ޑިސެމްބަރު މަހު ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާ އަށް ދިޔަ އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 24 ޖަނަވަރީ 2019 ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

ޕްރޮޕޯޒަލްފޮތް 28 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުން ފެށިގެން 07 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހާ ހަމައަށް އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. ޕްރޮޕޯސަލް ފޮތުގެ އަގަކީ 5،000 ރުފިޔާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޕްރޮޕޯޒަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދު ކުރުމަށް ފަހު ސިޓީއުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" އެހެން ލިޔެފައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުން ފެށިގެން 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް އެ މިނިސްޓްރީގެ ކައުންޓަރުން ކަމަށާއި ޕްރޮޕޯސަލް ގަނެފައިނުވާ ކުންފުނިތަކުގެ ޕްރޮޕޯސަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިނުވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.