Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

2023ގެ ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓުގައި ޔާމީންގެ ނަން އޮންނާނެ: ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ދެހާސް ތޭވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓުގައި ކުރީގެ ރައީސް އަދި މިހާރު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު އޮންނާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ހުރިހާ އެއްބަސްވުމެއް ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމާއެކު އުވާލާނަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 2023ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ދިވެހި ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިވެހި ރައްޔިތުންނަށް އަލުން ހޯއްދަވައި ދެއްވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އެމަނިކުފާނު އެނބުރި އަދި އަންނާނެ ކަމަށެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއިރު ރައީސް ޔާމީންގެ ހުކުމަށް އަދި އެއް އަހަރުވެސް ނުވެއެވެ. ބާކީ ހަތަރު އަހަރު އޮތްއިރު ދައުލަތުން ވަނީ އަނެއްކާވެސް މަނީ ލޯންޑަރިންގެ އިތުރު ދައުވާ އެއް ރައީސް ޔާމީނަށް އުފުލާފައެވެ. އަދި ރިޝްވަތުގެ ދައުވާ އެއްވެސް އެމަނިކުފާނަށް ވަނީ އުފުލާފައެވެ.