Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް ސަލާމަތްވެއްޖެ

އިޓާލިއަން ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލުން ރޯމާއާ ބައްދަލުކުރި މެޗު 2-2 އިން ޔުވެންޓަސް އިން އެއްވަރުކޮށްފިއެވެ.

ރޯމާގެ ދަނޑުގައި ކުޅުނު މި މެޗުގެ 31 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖޯޑަން ވެރެޓޯޓް ވަނީ ރޯމާ އަށް ލީޑު ނަގާދީފައެވެ. މެޗުގެ 44 ވަނަ މިނެޓްގައި ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީ ރޮނާލްޑޯ އެޓީމަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ވެރެޓޯޓް ވަނީ ރޯމާ އަށް އަލުން ލީޑު ނަގާދީފައެވެ.

ރޯމާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އެޓީމުގެ ކެޕްޓަން އެޑިން ޒެކޯ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުކޮށްލާފައެވެ. އެގޮތުން އޭނާ ހުހަށް ހުރެ ފޮނުވާލި އެއް ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އަނެއް ހަމަލާ ދިފާއުކުރީ ޔުވެންޓަސްގެ ކީޕަރެވެ.

މި ފުރުސަތުތަކުގެ ބޭނުން ރޯމާ އަށް ނުހިފުނުއިރު މެޗުގެ 69 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ނަތީޖާ އެއްވަރުކޮށްދީ މި މެޗުން އެޓީމަށް ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ.

މިއީ ލީގުގައި ޔުވެންޓަސް އިން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، ފުރަތަމަ މެޗުގައި އެޓީމު ވަނީ ސަމްޕްޑޯރިއާގެ މައްޗަށް 3-0 އިން ކުރި ހޯދާފައެވެ.