ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީން ލެސްޓަ ސިޓީއާ ބައްދަލުކޮށް 5-2 އިން ބަލިވެއްޖެއެވެ.
މިއީ ލީގުގައި ސިޓީން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ވުލްވްސް އަތުން 3-1 އިން މޮޅުވެފައެވެ. އަނެއްކޮޅުން މިއީ ލެސްޓާ އިން ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު އެ ތިން މެޗުވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.
ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި ރިޔާދް މަހްރޭޒް ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ޖޭމީ ވާޑީ ވަނީ ލެސްޓާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އަދި މެޗުގެ 53 ވަނަ މިނެޓްގައި ވާޑީ ލެސްޓާ އަށް ލީޑު ނަގައިދިންއިރު، އޭގެ ފަސް މިނެޓްފަހުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ ވާޑީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ލެސްޓާގެ ހަތަރުވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި މެޑިސަން ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު އިތުރު ޕެނަލްޓީ އަކުން މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޔޫރީ ޓީލެމަންސް އެވެ.
ސިޓީން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޑިފެންޑަރު އަކޭ އެވެ.
ރޭގެ މެޗުގައި ވެސް ސިޓީގެ ޑިފެންސްލައިނުން ބޮޑެތި ގޯސްތަކެއް ހެދިއިރު، ބެންފީކާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާސް ސިޓީ އަށް ވިއްކާލަން ނިންމާފައިވާކަން ރޭ އެ ކްލަބުން ވަނީ ހާމަކޮށްފައެވެ. އޭނާ ސިޓީ އަށް ބަދަލުވަނީ 65 މިލިއަން ޕައުންޑުގެ އަގަކަށެވެ.