Last Updated: April 20, 19:35
Saturday, April 20, 2024
ރިޕޯޓް

ރަށަށް ތިޔަ ދަނީ ކޮވިޑް ހިފައިގެންތަ؟

ރަށް ކައިރި ސަރަހައްދުން ވަދު މަސްވެރިކަން ކުރާ މަސްވެރިން، ފަތިސްނަމާދުކޮށްގެން އެމީހުންގެ ދޯނިތަކާއި ޑިންގީތަކުގައި ފުރައިފިއެވެ. ރޭނުމާއި ސިމެންތި ޖެހުން ފަދަ މަސައްކަތްތައް ރަށުތެރެއިން ހޯދައިގެން ކުރާ މީހުން އިރު އެރުމާ އެކީ މިސްރާބު ޖެހީ ސައިހޮޓާތަކަށެވެ. މަސައްކަތެއް ކޮށްލާނެ މީހަކު ހޯދަން ބޭނުންވާ މީހުން ވެސް އެއްވީ އެތަން ތަނަށެވެ. އޮފީސްތަކަށް ދާ މީހުން އެގަޑީގައި ތިބީ ކަސްރަތުކުރާށެވެ. ހަށިގަނޑުގައި ވަރުޖައްސާލާ، ގައިގެ ރިހުންތަކަށް ލުޔެއް ހޯދަން، އުމުރުން ދުވަސްވީ މީހުން އެރުނީ މޫދަށެވެ. ގޭގޭގައި އަންހެނުން ބުރަކޮށް އުޅެނީ ކުދިން ސްކޫލަށް ގެންދަން ތައްޔާރުކުރާށެވެ.

މިއީ، ކޮވިޑް-19ގެ ކޭހެއް ނުފެންނަ ރަށެއްގެ އާއްމު ހާލަތެވެ. މިރަށުގައި މިއޮތް އުފާވެރިކަމާއި ހިތްފަސޭހަކަން ތަސައްވުރުކޮށްލާށެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް، ވެކްސިނެއް ހޯދިފައި ނުވާ ކޮވިޑް-19 މުޅި ދުނިޔޭގައި އަދިވެސް ހަލުވިކަމާ އެކު ފެތުރެމުންދާއިރު، މިރަށުގެ މީހުންނަށް ހިތްފަސޭހަކަންމަތީ އަދިވެސް މި ތިބެވުނީ އެމީހުންގެ ހުރި ހެޔޮ ސިފަތަކަކާއި އުސޫލުތަކެއްގެ ސަބަބުންނެވެ. ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގައި ތިބި އެރަށުގެ މީހުން، ފުރިހަމައަށް ތަބާވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކަށެވެ. ދަތުރުވަރެއްގައި މާލެއަށް ގޮސް ތިބި މީހުންނާއި މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރަށަށް އަންނަން ޖެހުނު މީހުން އައީ ފުރަބަންދު ހޯމް ކަރަންޓީނުގެ އުސޫލުތައް ފުރިހަމައަށް ތަންފީޒުކޮށްގެންނެވެ. ކެތްތެރިކަމުގެ ލާމަސީލު މިސާލެއް އެމީހުން ދެއްކި އެވެ.

ހިތާމައަކީ، ހުރިހާ ރަށެއްގެ އެންމެން މިގޮތަށް ކަންކަން ނުކުރާތީ އެވެ. ކެތްތެރިކަން ކުޑަވެ، ގައިޑްލައިންތަކާ ހިލާފުވާތީ އެވެ. ހޯމް ކަރަންޓީނުގައި ހުރެފައި އެ މުއްދަތު ހަމަވެގެން ސާމްޕަލް ދިން އެކަކު އޭގެ ނަތީޖާ ނުލިބެނީސް ގެއިން ނުކުތް މައްސަލަ އެއް ރަށެއްގައި ފެންމަތިވިއެވެ. އެވަގުތުން ފެށިގެން އެރަށަށް އަރައި ފޭބުން ޖެހުނީ މަނާކުރާށެވެ. ދުނިޔޭގެ ގިނަ ސަރަހައްދުތަކުގައި ނެތް މިނިވަންކަމުގައި ތިބި އެ އާބާދީގެ އާއްމު ހާލަތު އެހިސާބުން ގެއްލުނީއެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެމީހުން އުޅެން ޖެހުނީ ހާއްސަ ހާލަތެއްގައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންއެއްގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މަދުން ނަމަވެސް އެގޮތަށް ކަންތައް ހިނގާ ކަމަށާއި އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.

"މަދުން ނަމަވެސް ފުރަބަންދު ކަރަންޓީނުގައި ތިބޭ މީހުން ނުވަތަ ކޮންޓެކްޓް ވެގެން ފާހަގަވާ މީހުން ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރަކަށް އައިސް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ އެންގުންތަކާ ގައިޑްލައިންތަކާ ހިލާފުވާކަން. މިގޮތަށް އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ ސަބަބުން ތިމާގެ ރަށަށް, މާނައަކީ ތިމާގެ އާއިލާ އާއި ގާތް ރަށްޓެހިންނާ އަވަށްޓެރިންނާ އަދި ރަށުގެ އެހެން މީހުން ވެސް ނުރައްކަލަށް އެބަ ހުށަހެޅޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ އެވިދާޅުވީ، ރަށްރަށް މޮނިޓަރިން ހާލަތަށް ގެނައުމުން ކުރިމަތިވާނެ ދަތިތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. ރަށެއްގައި ކޮވިޑް ފެތުރިއްޖެ ނަމަ އެއަށް ވުރެ މާ ބޮޑު ނުރައްކަލެއް އެބަ އޮތެވެ. އެއީ، ރަށެއްގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެބަލި ޖެހި، ހާލު ސީރިއަސްވުން ނުވަތަ އެންމެ ހިތާމަވެރި ގޮތް މެދުވެރިވުމުގެ ނުރައްކަލެވެ. ފެންނަން އޮތް އަނެއް ހަގީގަތަކީ، ކޮވިޑް-19ގެ ނުރައްކާ ބޮޑީ ހަމައެކަނި މިކެޓަގަރީގެ މީހުންނަށް ނޫން ކަމެވެ. ކިތަންމެ ޒުވާން، ގައިބާރު ހުރި މީހަކަށް ވެސް އެއީ ހަމަ ނުރައްކާތެރި ބައްޔެކެވެ. އަލާމާތްތަކަށް ސަމާލު ނުވެވި، އެ ހާލަތުގައި ދޭން ޖެހޭ ފަރުވާ ނުދެވިއްޖެ ނަމަ ޒުވާނަކަށް ވެސް ދެރަގޮތެއް ދިމާވެދާނެއެވެ.

ނަމަވެސް ކޮވިޑުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގެ ސަބަބުން ތަހައްމަލުކުރަން ޖެހުނު ހިތްދަތި ހާލަތަކީ ވެސް، ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ވިސްނަން ޖެހޭ ކަމެކެވެ. އޭނާ އެވިދާޅުވީ ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ފުރަތަމަ ފެނުމާ އެކު އެބަލި ކޮންޓްރޯލް ކުރަން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ވާހަކައެވެ. އޭރު މާލޭގައި ތިބި އެންމެން ޖެހުނީ ގެއިން ނުނިކުމެ ތިބޭށެވެ. މާލެއަށް ދަތުރުކުރަން ޖެހޭ މީހުންނާއި މާލޭން އެހެން ތަންތަނަށް ދަތުރުކުރަން ޖެހޭ މީހުން ވެސް ތިބީ ތާށިވެފަ އެވެ. މިހާރު އޮތް ވަރަށް ފިޔަވަޅުތަކަށް ލުއި ދިނީ އެގޮތުގައި ތިން މަސްދުވަސް ހޭދަވުމަށް ފަހުގައެވެ.

ރަށްރަށުގައި މިހާރު އޮތް އާއްމު ހާލަތު ދަމަހައްޓަން ކޮންމެ މީހަކު ވެސް ސަމާލުކަން ދޭން ޖެހޭ މުހިއްމު އެއް ކަމަކީ ރަށަށް ބަލި ގެންދާ މީހަކަށް ނުވުމެވެ. ރަށުގައި ސިއްހީ ގޮތުން އޮތް އަމާންކަން ނަގާލުން ވާނީ ވަރަށް ބޮޑު އިހުމާލަކަށެވެ. އެގޮތަށް ކަންތައް ކުރެވިގެން، އޭގެ ސަބަބުން ރަށަށް ބަލި ފެތުރިއްޖެ ނަމަ، އަމިއްލަ ނަފުސަށް ކުރެވޭނެ އިހުސާސް ވިސްނާލަން ޖެހެ އެވެ. ގައިޑްލައިންތަކާ ހިލާފަށް، ރައްކާތެރި ނޫން ގޮތުގައި ރަށަށް ގޮސް، އޭގެ ސަބަބުން ރަށަށް ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިއްޖެ ނަމަ ކުރެވޭނެ އިހުސާސް ތަސައްވުރު ކޮށްލަން ޖެހެއެވެ. އެ ހާލަތުގައި، ރަށުން ހާލުބޮޑުވާ ކޮންމެ ބަލިމީހެއްގެ ބަލިހާލުގެ ޒިންމާ ބޭ އިހްތިޔާރުގައި ވެސް އެޅުވޭނީ އަމިއްލަ ބޮލުގައެވެ. އޭގެ ތެރެއިން މީހަކު އެބަލީގައި ދުނިޔެ ދޫކޮށްފި ނަމަ، އެއީ އުމުރަށް ވެސް ނުފިލާނެ ހިތާމައެކެވެ.

ރަށްރަށަށް ކޮވިޑް ފެތުރިއްޖެ ނަމަ އޭގެ ގެއްލުން އޮތީ ބަލިޖެހޭ މީހުންނަށް ނުވަތަ އެރަށްތަކުގެ މީހުންނަށް އެކަންޏެއް ވެސް ނޫނެވެ. އެއީ މުޅި ރާއްޖެއަށް ވެސް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. ކޮވިޑްގެ ކުރިން ވެސް، ދެން ވެސް ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަދި ލިބޭނެ އިންޑަސްޓްރީއަކީ ޓޫރިޒަމެވެ. އެއީ އެންމެ ގިނަ ބަޔަކަށް ވަޒީފާ ލިބޭ އިންޑަސްޓްރީ އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުނެވެ. ރާއްޖޭގެ ޓޫރިޒަމްގެ 48 އަހަރުވީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެ އިންޑަސްޓްރީ އެ ހިސާބުން ހުއްޓުނީއެވެ. އޭގެ ގެއްލުން އެންމެން މިދަނީ ތަހައްމަލުކުރަމުންނެވެ.

ރާއްޖޭގައި ކޮންމެވެސް ވަރަކަށް ބަލި ކޮންޓްރޯލް ކުރެވުމާ އެކު ބޯޑަރުތައް އަލުން ހުޅުވައިލީ ޓޫރިޒަމް އިންޑަސްޓްރީ އަލުން ހިނގައިގަނޭތޯ، އެކަމުގެ އުއްމީދުގައެވެ. ރިސޯޓްތައް ހުޅުވީ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އޭގެ ތެރެއިން ބައެއް ފިޔަވަޅުތަކަކީ ޗުއްޓީ ހޭދަކޮށްލަން އަންނަ ޓޫރިސްޓުންނަށް ވެސް ބޮޑު ދައްޗަކަށް ވާ ކަހަލަ ފިޔަވަޅުތަކެވެ. އެކަމަކު، މި ހުރިހާ ކަމެއްގެ އަމާޒަކީ ބަލި ފެތުރިފައިވާ ހާލަތުގައި ވެސް ޓޫރިޒަމް ކުރިއަށް ގެންދިއުމެވެ.

ޓޫރިސްޓުންގެ ސަލާމަތަށް އެފަދަ ފިޔަވަޅުތައް އަޅާފައިވިޔަސް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ، ޓޫރިޒަމަށް އެހާ ބޮޑު ދިރުމެއް ލިބިދާނެ ގޮތަކަށް ނޫންކަން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގަބޫލުކުރައްވަ އެވެ. ދާދި ދަހުން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދުތައް މަދުކުރުން، ޓޫރިޒަމްގެ ކުރިއެރުމަށް، ވަރަށް މުހިންމު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެންމެ ހިތްހަމަޖެހޭނީ މިހާރުގެ އަދަދުތައް، އާބާދީގެ ކޮންމެ ލައްކައަކަށް ވިއްސަށް ވުރެ ވެސް ދަށަށް ގެންދެވިގެންނެވެ.

"ޓޫރިޒަމްގެ ކުރިއެރުމަށް ބަލާ ކަމަށް ވަންޏާ އޭރުން ފުދޭ ވަރެއް ކަމަށް ބުނެވޭނީ،" ޑރ. މައުސޫމް ވިދާޅުވިއެވެ.

ރަށަށް ވައިރަސް އުފުލައި، ކޮވިޑް ކޭސްތައް އޮތް ރަށްތަކުގެ އަދަދު އިތުރު ނުކުރުމުގެ މުހިއްމުކަން މިގޮތުން ވެސް ބޮޑެވެ.

ރަށަށް ކޮވިޑް ގެންދާ މީހަކަށް ނުވުމަށް ކުރެވޭނީ ކޮން ކަމެއް؟

ރަށަށް ކޮވިޑް ގެންދާ މީހަކަށް ނުވުމަށްޓަކައި ކުރަންވީ ކަމަކީ، ފުރަތަމަ ދުވަހުން ފެށިގެން އުސޫލުތަކަށް ތަބާވުމެވެ. ކޮވިޑުން ރައްކާތެރިވާން ސިއްހީ މާހިރުން ދޭ ލަފަޔަކީ މިހާރު އާ މައުލޫމާތެއް ނޫނެވެ. އެކަމުގައި ކުރަން އޮތީ އެންމެން ވެސް މިހާރު އެކަންކަމަށް ވަރަށް ބޮޑަށް ހޭނިފައިވާ ކަންތައްތަކެވެ.

އެއް ކަމަކީ، މާލެ ނުވަތަ ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތް އެހެން ތަނެއްގައި ހުރި ނަމަވެސް ބޭކާރު ގޮތުގައި ބޭރަށް ނުނުކުތުމާއި ބައްދަލުކުރާ މީހުންގެ އަދަދު ވީހާވެސް މަދުކުރުމެވެ. ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި ގެއިން ބޭރަށް ދާ ނަމަވެސް މާސްކު އެޅުމާއި ރައްކާތެރި ގޮތުގައި މާސްކު އެޅުމަކީ ވެސް ކުރަން ޖެހޭ ކަންތައްތަކެވެ. ގިނަގިނައިން އަތް ދޮވުމާއި ތަންތަނުގައި އަތް ނުކޭއްތުމަކީ މިހާރު ފަރިތަ ކަންތައްތަކެވެ.

ކޮވިޑަށް ޓެސްޓްކުރުމަށްޓަކައި ސާމްޕަލެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަމަށް އިއުތިރާޒް ނުކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ކޮވިޑް ފެތުރިފައިވާ ރަށެއްގައި ހުރި މީހެއްގެ ހައިސިއްޔަތުން އެއީ އަމިއްލަ ނަފުސަށް ވެސް އޮތް ރަނގަޅެކެވެ. އެއީ އަމިއްލަ ނަފުސުގެ ހާލަތު ހުރި ގޮތް ވަޒަންކޮށްލަން ލިބޭ ފުރުސަތެކެވެ. އަލާމާތެއް ހުރި ނަމަ އެޗްޕީއޭއަށް އަންގައި، ސިއްހީ އެހީތެރިކަން ލިބިގަތުމަކީ ވެސް ހަމަ އެހާ މުހިއްމު ކަމެކެވެ.

ރަށަށް ކޮވިޑް ގެންދާ މީހަކަށް ވުމާއި ނުވުން މިކަންކަމާ ގުޅެނީ ކިހިނެއްތޯ މިހާ ހިސާބުން ސުވާލު އުފެދިދާނެއެވެ. ޖަވާބު ވަރަށް ކުރެވެ. ވައިރަސް ގެންދާ މީހަކަށް ނުވެ ސަލާމަތް ވެވޭނީ ވައިރަހުން ސަލާމަތްވެ ހުރެގެންނެވެ. ރަށަށް ފުރަން އޮންނަ ވަގުތާ ހަމައަށް ވެސް މާލޭގައި އެއްވެސް ބެލުމެއް ނެތި އުޅޭ ނަމަ ހަށިގަނޑުން އެހުޅުވައިލެވުނީ ފުރުސަތެކެވެ. ވައިރަހަށް ފުރުސަތު އެދެވުނީ މާލެއިން ރަށަށް ދާ އުޅަނދަކަށް ތިމާގެ ހަށިގަނޑު ހެދުމަށެވެ.

ހޯމް ކަރަންޓީނަށް ދާ މީހާ އަކީ މާލޭގައި އެއްވެސް ބެލުމެއް ނެތި އުޅުނު މީހަކަށް ވެފައި، އޭނާގެ ހަށިގަނޑަށް ވައިރަސް އެރިކަން ނޭނގި ހުރެއްޖެ ނަމަ އޭނާ އެދަނީ ރަށަށް ވައިރަސް ހިފައިގެންނެވެ. އަލާމާތްތައް ހުރެފައި އެކަން ނާންގައި، ޓެސްޓް ވެސް ނުކޮށް ރަށަށް ދާ މީހާއަކީ ވެސް ވައިރަސް ހިފައިގެންދާ މީހެކެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.