މިހާާރު ކުރެވޭ އުއްމީދަކީ ދަތުރުފަތުރުގެ ނިޒާމަކުން އިންޑިޔާގެ ކޮޗިން އާއި އައްޑޫ ސިޓީ ގުޅާލުން ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ކޮޗިން އާއި ހދ.ކުޅުދުއްފުށި އަދި މާލެ އާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާއިރު، އެ ހިދުމަތުގެ ދަށުން ފުރަތަމަ ކާގޯ ފެރީ މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުޅުދުއްޓަށް އައިސްފައެވެ. އަދި ކުޅުދުއްފުއްޓަށް ބާލަންޖެހޭ މުދާތަށް ބޭލުމަށްފަހު އެ ބޯޓު އިއްޔެ ވަނީ މާލެ އަށް ބަނދަރުކޮށްފައެވެ. އެ ބޯޓުން ޖުމްލަ 500 ޓަނުގެ މުދާ ގެނެސްފައެވެ.
އަހުމަދު ރަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާާރު ކުރެވޭ އުއްމީދަކީ ތާވަލު ކުރެވިފައިވާ ދަތުރުފަތުރުގެ ނިޒާމަކުން އިންޑިޔާގެ ކޮޗިން އާއި އައްޑޫ ސިޓީ ގުޅުވާލުން ކަމަށެވެ. އަދި އައްޑޫ އަކީ އެފްރިކާ ބައްރާއި ރާއްޖެ ގުޅުވާލައިދޭ އިގުތިސާދީ މަންޒި ލަކަށް ވެގެން ދިޔުމަކީ ވެސް އުއްމީދެއް ކަމަށް އަހުމަދު ވިދާޅުވިއެވެ.
މިހާާރު ކުރެވޭ އުއްމީ ދަކީ؛ ތާވަލް ކުރެވިފަވާ ދަތުރުފަތުރުގެ ނިޒާމަކުން އިންޑިޔާގެ ކޮޗިން އާއި އައްޑޫ ސިޓީ ގުޅުވާލެވި، އައްޑޫ ސިޓީ އަކީ އެފްރިކާ ބައްރާއި ދިވެހި ރާއްޖެ ގުޅުވާލަދޭ އިގުތިސާދީ މަންޒި ލަކަށް ވެގެން ދިޔުން. pic.twitter.com/iSImPwQ2Rt
— Ahmed Rasheed MDP (@AraairuRasheed) September 28, 2020
މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށާއި އަދި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ދެ ގައުމުގެ ސަރުކާރުން ހާމަކުރެއެވެ.