ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް (ކޭއެފްއެމް) އިން އައްޑޫގައި ހަދާ މަސް ފެކްޓްރީ ގާއިމު ކުރުމުގެ އެެއްބަސްވުމުގައި މިއަދު ސޮއި ކުރާނެ ކަމަށް ގައުމައިގެން ކުރިއަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރޭ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ރައީސް ވިދާޅުވީ އެތަން ގާއިމު ކުރަން، ކޫއްޑޫން އެއްބަސްވުމެއް ހަދަނީ މެލޭޝިއާގެ ކުންފުންޏަކާ އެކު ކަމަށެވެ.
ރައީސް ވިދާޅުވީ އެއްބަސްވުން ހެދުމާ އެކު ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފެކްޓްރީގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން އައްޑޫން އިތުރު 100 އެއްހާ ވަޒީފާގެ ފުރުސަތު ވެސް ހުޅުވިގެން ދާނެ ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.
ކޫއްޑޫން އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ މަސްވެރިކަމާ ގުޅޭ މަޝްރޫއުގެ ދަށުން 100 ޓަނުގެ އައިސް ޕްލާންޓަކާއި 1،500 މެޓްރިކް ޓަނުގެ ކޮލްޑް ސްޓޯރެޖޭކާއި 250 މެޓްރިކް ޓަނުގެ ފިއުލް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމު ކުރަން ވަނީ ނިންމާފަ އެވެ.
މި މަޝްރޫއުގެ މަަސަައްކަތް އަންނަ އަހަރުގެ މާޗަށް ނިންމަން ކޫއްޑޫން ވަނީ ނިންމާފަ އެވެ.