ލިވަޕޫލަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ލިވަޕޫލް އިން ބުނީ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ތިއާގޯގެ ހާލު ރަނގަޅު ކަމަށާއި އޭނާ މިހާރު ހުރީ އައިސޮލޭޝަނުގައި ކަމަށެވެ.
ދާދިފަހުން ބަޔާން މިއުނިކުން ލިވަޕޫލްއާ ގުޅުނު ތިއާގޯ ބަލިވެ އުޅޭތީ ރޭ ޕްރިމިއާ ލީގުގައި އާސެނަލްގެ މައްޗަށް 3-1 އިން ލިވަޕޫލް އިން ކުރި ހޯދި މެޗުގައި ވެސް ކުޅެފައެއް ނުވެއެވެ.
ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހުގެރޭ އިނގިރޭސި ލީގު ކަޕްގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗާއި އަދި ޕްރިމިއާ ލީގުގައި އަންނަ އާދީއްތަ ދުވަހު އެސްޓަންވިލާއާ ދެކޮޅަށް ލިވަޕޫލް އިން ކުޅޭ މެޗުގައި ވެސް ތިއާގޯ އަށް ނުކުޅެވޭނެއެވެ.
ތިއާގޯ ކޮވިޑަށް ޕޮޒިޓިވްވިއިރު ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ ކޮވިޑް ޓެސްޓުގެ އެންމެފަހުގެ ރައުންޑުން 10 ފަރާތެއް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.