ސ. ގަން އެއާޕޯޓް ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ރަންވޭ ދިގު ކުރަން ހިއްކާ ބިމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ގައުމައިގެން ކުރިއަަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ކެމްޕޭން ކުރެއްވުމަށް އައްޑު އަށް ވަޑައިގަތުމަށް ފަހު، ބިން ހިއްކާ ސަރަހައްދު ބެއްލެވުމަށް ފަހު ރޭ، ހިތަދޫގައި އޮތް ޖަލްސާގައި ވަހީދު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެ މަސައްކަތް ކުރާ ދުބާއީގެ ކުންފުނި ގަލްފް ކޮބްލާ އިން ދީފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރަންވޭ ދިގު ކުރަން ހިއްކާ ބިމުން މިހާރު ވެސް ބޮޑު ބައެެެއް ނިމިފައިވާ ކަމަށެވެ.
"މިހާރު ހިއްކަން ޖެހޭ ސަރަހައްދުގެ ތެރޭގައި އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ދެ ކިލޯ މީޓަރުގެ ހޮޅިއެއް ކޮންނަ ބޯޓުން އައިއްސަ އޮތް ހޮޅިއަކުން އެތަނަށް ވެއްޔާއި ލޮނާ އަޅަމުން ގެންދޭ. އަޅުގަނޑު އެހިން މިއީ ކިހާވަރެެއްގެ މަސައްކަތެއްްތޯ. އެހީމާ ބުނީ މި ފަޅަށް ތިމަންނަމެން އަޅާނަމޭ އެއް މިލިއަން ކޮޑި މީޓަރުގެ ވެލި،" ރައީސް ވިދާޅުވި އެވެ. "ކިހާ ދުވަހަކުން އެކަން ކޮށް ދެވިދާނެތޯ އެހީމާ ބުނީ ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ކޮށް ނިންމާނަމޭ."
ޑރ. ވަހީދު ވިދާޅުވީ ގަން އެއާޕޯޓް އިންޓަނެޝަނަލް ފެންވަރަށް ތަރައްގީ ކުރުމުން ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެކުނުގެ ހަތަރު އަތޮޅުން 2،000 އެއްހާ ވަޒީފާ އުފެދި، ގިނަ ބަޔަކަށް ފައިދާތަކެއް ވެގެން ދާނެ ކަމަށެވެ.