Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ޗެލްސީ ކަޓުވާލައި ޓޮޓެންހަމް ކުއާޓާ އަށް

ޕެނަލްޓީގައި 4-5 އިން ޗެލްސީ ކަޓުވާލުމަށްފަހު، އިނގިރޭސި ލީގު ކަޕްގެ ކުއާޓާފައިނަލަށް ޓޮޓެންހަމް ދަތުރުކޮށްފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.

އެގޮތުން މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 19 ވަނަ މިނެޓްގައި މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. ލީޑު އިތުރަށް ފުޅާކޮށްލަން ޗެލްސީ އަށް ވަނީ ދެވަނަ ހާފްގައި ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

އެގޮތުން ހަޑްސަން އޮޑޯއި ފުދޭ ވަރަކަށް ހުހަށް ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި މަތިން ބޭރަށް ދިޔައިރު ވާނާ ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ.

އެ ފުރުސަތުތަކުގެ ބޭނުން ޗެލްސީ އަށް ނުހިފިނުއިރު މެޗުގެ 83 ވަނަ މިނެޓްގައި އެރިކް ލަމޭލާ ވަނީ ޓޮޓެންހަމް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ޖެހީ ޕެނަލްޓީއެވެ. އެގޮތުން ޕެނަލްޓީގައި ޓޮޓެންހަމް އިން ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރިއިރު ޗެލްސީ އަށް ކާމިޔާބު ނުކުރެވުނީ މޭސަން މައުންޓް ފޮނުވާލި ޕެނަލްޓީއެވެ.

މި މުބާރާތުގެ ކުއާޓާ އަށް ޓޮޓެންހަމް ދަތުރުކުރިއިރު އެޓީމަށް އެންމެފަހުން ތަށްޓެއް ކާމިޔާބު ކުރެވިފައިވަނީ 2008 ވަނަ އަހަރުއެވެ.