ސާކް ސަމިޓް ބާއްވަން އައްޑޫގައި ހެދި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަކީ ކަން ދައްކަން ބަޔަކު ހަދާފައި ހުރި ބޭނުމެއް ނުހިފި ހުރި އިމާރާތެއް ކަމަސް ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
"ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރޭ ވިދާޅުވީ އީސީސީއަކީ ތަރައްގީގެ އެއްވެސް ތަޖުރިބާއެއް ނެތް އަދި ދުނިޔޭގެ ގައުމުތަކުގެ ތަރައްގީގެ ތަޖުރިބާ އާއި އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ބަޔަކަށް ކަން ދައްކަން ހަދާފައިވާ ތަނެއް ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2011 ވަނަ އަހަރު ސާކް ސަމިޓް ބާއްވަން ހެދި އީސީސީ އާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން، އޭރު ނައިބް ރައީސަކަށް ވެސް ހުންނެވި ޑރ. ވަހީދު ވިދާޅުވީ "މިފަދަ ވިޔާނުދާ ކަން ދެއްކުމުގެ ގޮތުން ގޮތް ދޫނުކުރުމުގެ މިޒާޖުގައި ކުރާ ކަންކަމަށް ތަރައްގީގެ މާހިރުން ކިޔައި އުޅެނީ ވައިޓް އެލަފަންޓޭ" ކަމަށެވެ.
ވަހީދު ވިދާޅުވީ އީސީސީ ހަދަން އިމާރާތް ކުރި 600 މިލިއަން ރުފިޔާ އިން އައްޑޫގެ ފެނާއި ނަރުދަމާ ގާއިމުކޮށް މަގު ހަދައި، ފެކްޓްރީތައް ހެދި ނަމަ މާ ރަނގަޅުވީސް ކަމަށެވެ.
އެހެން ނަމަވެސް ކަންކަން ކުރުމުގެ ގާބިލްކަން ނެތް ބަޔަކާ ކަންކަން ހަވާލުވުމުން ނިކުންނާނީ މިފަދަ ނަތީޖާތަކެއް ކަމަށް ވިދާޅުވި އެވެ.
ރައީސް އަދި ވިދާޅުވީ އީސީސީ ބަލަަހައްޓައި މަރާމާތު ކުރަން އާދައިގެ ސްކޫލެއް ހިންގަން ކުރަން ޖެހޭ ހަރަދާ ވެސް ނުބައްދަލު ކަމަށެވެ.